ރާއްޖޭގެ ރަށްރަށުގައި ކޮވިޑް ބަލީގެ އަލާމަތް ފެނުމުން ޓެސްޓް ނުކުރާތީ ރަށްރަށުގައި ބަލި ފެތުރެން މެދުވެރިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ބަލި ފެތުރެންދިމާވާ އެކި ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރުމާއި މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުނުވުން ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން ފަދަ ކަންކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ހީވިނަމަވެސް އެއީ އޭގެ ސަބަބުން ވަރަށް ބޮޑަށް ރައްކާތެރިކޮށްދޭ ކަމެއް ކަމަށެވެ. ބަލީގެ އަލާމަތްތައް ފެނުމުން ރަށުގައި ބަލި ނެތް ކަމަށް ބުނެ ޓެސްޓް ނުކުރުމަކީ ރަށްރަށުގައި ބަލި ފެތުރެން ދިމާވާ ސަބަބެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ބައެއް ފަހަރު ޓެސްޓް ކުރަން ދިއުމުން ވެސް މިރަށުގައި ބައްޔެއް ނޫޅެއޭ، އެހެންވީމަ ތިމަންނަ ކީއްކުރަންހޭ ޓެސްޓް ކުރަންވީ، މިކަހަލަ ސަބަބުތަކާއި ހެދި ބައެއް ބޭފުޅުން ޓެސްޓް ނުކޮށް އެބަހުރި. އެހެންވީމަ އެނގޭއިރު ބަލި ވަރަށް ބޮޑަށް ފެތުރިފައި އޮންނަނީ. ކުދިކުދި ކޮމިއުނީޓީސް މިއޮންނަނީ ވަރަށް ބޮޑަށް ގުޅިފައި. މިއޮންނަނީ އެއްބަޔަކު އަނެއްބަޔަކާއި ވަރަށް ގާތްކޮށް. އެހެން އުޅޭއިރު އެކަކު ވެސް ބަލިޖެހިފައި ހުރެއްޖެއްޔާ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ދަތުރުކުރާ ބޯޓް ފަހަރާއި މަސްވެރިކަމުގައި ދަތުރުކުރާ އޮޑިދޯނި ފަހަރުގެ ފަޅުވެރިންގެ ސަބަބުން ވެސް ރަށްރަށަށް ބަލި ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބޯޓް ފަހަރާއި އޮޑިދޯނީގައި މަސައްކަތްކުރާ ފަޅުވެރިން ވެސް ބަލީގެ އަލާމާތްތައް ފެނުމުން ވެސް ބައެއް ފަހަރު ރިޕޯޓް ނުކުރާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ބަލީގެ އަލާމަތްތަށް ފެނިގެން ރިޕޯޓްކޮށްގެން ޓެސްޓް ކުރާއިރު ޕޮޒިޓިވްވެގެން ބަލާއިރުގައި ރަށުތެރޭގައި ވެސް މީހުން އައިސް ގެއަށް ގޮސް އެހެން މީހުން ކޮންޓެކްޓް ވެފައި މި ހުންނަނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ މިހެން ވިދާޅުވެފައިވާއިރު އީދު ބަންދާ ދިމާކޮށް ވެކްސިން ދެ ޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ކަރަންޓީނާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެއިން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށް އެޗްޕީއޭގެ މިންގަޑާއި ޚިލާފަށް އީދު ކުޅިވަރުތައް ވަނީ ބާއްވާފައެވެ.

އީދު ބަންދަށްފަހު މި ވޭތުވެ ދިޔަ ތިން ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަތޮޅުތެރޭގެ ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނި ވެސް މާލެއާއި އަތޮޅުތެރެއިން 105 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން 68 މީހަކު އަތޮޅުތެރެއިން އިއްޔެ ޕޮޒިޓިވްވެފައިވާއިރު އޭގެ ކުރީ ދުވަހު އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ. މިމަހުގެ 25 ވަނަ ދުވަހު އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 45 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން