ކުރީގެ ޑިފެންސް މިނިސްޓަރ އަދި ކާނަލް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ފުރަތަމަ ރެޖިސްޓްރޭޝަން އޮފީސް ހުޅުވައިފިއެވެ.

އެމްއެންޕީގެ ފުރަތަމަ ރަޖިސްޓްރީ އޮފީސް ހުޅުވައިގެން ރަޖިސްޓްރީ ކުރަން ފެށުމާއެކު އެމްއެންޕީއަށް ފުރަތަމަ ސޮއިކުރަށްވައި ރެޖިސްޓްރީ ވެވަޑައިގެންނެވި ބޭފުޅަކީ ޑރ. އިބްރާހިމް ލަތީފް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ކާނަލް ނާޒިމް ވިދާޅުވީ، ޑރ. އިބްރާހިމް ލަތީފަކީ ތައުލީމީ ދާއިރާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު ޕާޓީގެ ފުރަތަމަ ރެޖިސްޓްރޭޝަން އޮފީސް އިއްޔެ ވަނީ މާލޭގައި ހުޅުވާފައެވެ. އެމްއެންޕީގެ އޮފީސް ހުޅުއްވައި ދެއްވީ އެކަމަށްޓަަކައި ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި ކުރިން ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެމްއެންޕީއަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޕާޓީއަށް މިހާތަނަށް ސޮއިކުރީ ކިތައް މެމްބަރުންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ނާޒިމްގެ އާއިލީ ބޭފުޅެއްކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ޕާޓީއަކީ އެމްޑީޕީގެ ޓިކެޓް ރައީސް ސާލިހަށް ލިބިވަޑައި ނުގެންފިނަމަ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހޯދައިދޭން އުފައްދާ ޕާޓީއެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން