މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށައެޅި ބިލަށް ކުރާ ތާއިދު ސަރުކާރުން އަނބުރާ ގެންގޮސްފައިނުވާ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފުރަތުގެ ބިލަށް ސަރުކާރުން ކުރާ ތާއިދު އަނބުރާ ނުގެންދާކަމަށާއި، އެބިލް ފާސްނުކުރާކަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މަސައްކަތް ނުކުރަށްވާ ކަމަށެވެ.

އަދި ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު ނަފުރަތުގެ ބިލް ފާސްނުކުރަން އެއްވެސް މެމްބަރެއްގެ ގާތު އެމަނިކުފާނު އެދިވަޑައިގެންފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ނަފުރަތުގެ ބިލާ ގުޅޭގޮތުން ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަށް އެބަހުރި ކަމަށާއި، އެ ޚިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ވަގުތުދީގެން ރަނގަޅު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެގޮތުން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ހަރުކަށި އަމަލުތައް ހިންގާ އަނިޔާވެރިވާ މީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅުމަށް ވިސްނައިގެން ބިލްގެ މަސައްކަތް ކުރަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ. ރޮޒައިނާ ވިދާޅުވީ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވީ އެންމެންނަށް ގަބޫލުކުރެވޭ ހައްލެއްގެ ތެރެއިން އެބިލްގެ މަސައްކަތް ފުރިހަމަކޮށް ނިންމަންކަމަށެވެ.

"އެބިލް އެއްގޮތަކަށް ވެސް ސަރުކާރުން އަނބުރާ ގެންދިޔައީއެއް ނޫން. ނޫނީ ތާއިދު އަނބުރާ ގެންދިޔައީ އެއްވެސް ނޫން. އަޅުގަނޑުމެންނާއި ރައީސުލްޖުމުހޫރިއްޔާ ވާހަކަފުޅު ދެއްކެވި ހުރިހާ ހާލަތެއްގައި ވިދާޅުވެފައިވަނީ އެބިލަކީ މުހިންމު ބިލެއް ކަމަށް. އެކަމަކު އެބިލަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ހުރިހާ ރައްޔިތުންނަށް ވެސް ބަލައިގަނެވޭނެ ގޮތަށް. މެޖޯރިޓީ ރައްޔިތުންނަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވަރު ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ހުއްޓާ އެކަމަށް އެއްގޮތަކަށް އަޅާނުލާ އަޅުގަނޑުމެން ބޭނުންވާގޮތަކަށް އެކަމެއް ކޮށްލުމަކީ ވަރަށް ހުދު މުޚުތާރު ސިފައަކަށް ވެގެންދާނީ. އެކަން އެގޮތަށް ކޮށްގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން. މިހާރަށް ވުރެ ބޮޑަށް ރަނގަޅަށް އަދިވެސް މަޝްވަރާކޮށްފައި އެންމެންނަށް ބަލައިގަނެވޭނެ ސޮލިއުޝަން އޭގެތެރެއިން ހޯދައިގެން އެބިލް ފާސްކުރުމަކީ މުހިންމު ކަމެއް." ރޮޒައިނާ ވިދާޅުވިއެވެ.

މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަންވެސް ކުރަށްވާ ރޮޒައިނާ ވިދާޅުވީ، ނަފުރަތު އުފެއްދުމުގެ ނިޔަތުގައި މީހަކަށް އަނިޔާއެއް ދިނުމަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވެސް ނަފުރަތު އުފެއްދުމަށްޓަކައި ދޮގު ވާހަކަ ދައްކަމުން ގެންދާކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

"ތިމާއަށް ކިރިޔާ ވެސް ތްރެޓެއް ހީވާ ސިޔާސީ މީހެއް ހުރެއްޖެއްޔާ އެމީހަކާއި ގުޅޭގޮތުން ވެސް ހަމަ ވާހަކައެއް އުފަން ކޮށްލައިގެން ވެސް ނަފުރަތު އުފައްދަނީ އެމީހަކާއި މެދު. ނަފުރަތަކީ ހަމައެކަނި ދީނީ ގޮތުން އުފައްދާ ނަފުރަތަށް އެކަނި ލިމިޓްވެފައި އޮންނަ ކަމެއް ނޫން. މިއީ މިކަމުގައި ވިސްނަންޖެހޭ ކަމެއް. މިކަހަލަ ބޮޑެތި މައްސަލަތައް އަޅުގަނޑު ދެކޭގޮތުގައި މަޝްވަރާއެއް ކުރަން އެބަޖެހޭ. ތެޅިގަނެގެން ނޫން ނިންމަންޖެހޭނީ. ކަންތައްތަކާއި މެދު ރަނގަޅަށް ވިސްނާފައި އޭގެ ނަތީޖާ ނުކުންނާނެ ގޮތަކާއި މެދު ވިސްނާފައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭނީ." ރޮޒައިނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން