ދިވެހިރާއްޖެއަށް މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ޑިމޮކްރަސީ ގެނައުމުގައި ލިބިފައިވާ ކުރިއެރުމަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ވެރިކަމާއި ހެދި އަރާރުންވުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޯވިޑްފަދަ އުނދަގޫ ހާލަތެއްގައި ސަރުކާރު ހިންގުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެއްބާރުލުން ދީގެން ހުރިހާ އެންމެން މަސައްކަތްކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.





ޝަރީފް ވިދާޅުވީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ބޮޑެތި ކާމިޔާބީތަކެއްް ހޯދާފައިވާ ކަމަށެވެ. އަދި އަޅުގަނޑުމެން އެންމެންގެ މަސައްކަތާއެކު އެކާމިޔާބީތައް ދަމަހައްޓަންޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެމްޑީޕިންވެސް އެކި ގޮތްގޮތުން ކާމިޔާބީތަކެއްް ހާސިލްކޮށްފައިވާކަމަށާއި، ނަމަވެސް އެއީ އެންމެ މީހެއްގެ މަސައްކަތް ނޫންކަމަށެވެ. އަދި އެއީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ލިބިފައިވާ ކާމިޔާބީތަކެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.



ޝަރީފް ވިދާޅުވީ އެންމެ މީހެއްގެ މަސްްލަހަތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމަށެވެ. އަދި ކަންކަން ހައްލުކޮށް، ކުރިއެރުން ދެމެހެއްޓޭނީ މަޝްވަރާގެ އުސޫލުންކަމަށާއި، ރާއްޖެއަށް ސިޔާސީ ހަމަޖެހުން މިވަގުތު ކޮންމެހެންވެސް ބޭނުންވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



"ގައުމު އިޖުތިމާޢީ ގޮތުންނާއި އިގުތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ކުރިއެރުމާއި ހަމަޖެހުން ދެމެހެއްޓޭނީ މަޝްވަރާގެ އުސޫލު އިހުތިޔާރުކޮށްގެން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވާހަކަދައްކަވާފައި މިވަނީ، ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހުރިހާވެސް މައްސަލައަކީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުވުމުން ދިމާވާ މައްސަލަތަކެވެ. އަދި ރައީސް ސާލިހުގެ ސާބިތުކަމަކީ ރައީސް ނަޝީދުގެ މަސައްކަތްޕުޅު ކާމިޔާބު ނުވުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން