ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރަައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި އަލީ ހައިޝަމްގެ ތަހުގީގު ނިންމައިލުމަށްފަހު އޭނާގެ މަށްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ހައެއް ފަހެއްގެ ހަމަލާއާ ގުޅިގެން ހަށްޔަރުކުރި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީއަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

ހައިޝަމްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމަން ޕީޖީއަށް 15 ދުވަސް ލިބޭއިރު އަންނަ ހަފްތާގެ ފަހުކޮޅު އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މީހުންނާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެެވެ. މީގެ އިތުރުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގާއި ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ.

ފުލުހުން މީގެ ކުރިން ބުނީ ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން