ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި މި ޕާކިންގ ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައެވެ.

ސިޓީ ކައުންސިލުން ބުނީ އަލަށް ތަރައްޤީކުރި މި ޕާކިންގ ޒޯންގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާކަމަށާއި މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށްކަމަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެއެވެ. ބާކީ 5 ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށެވެ.

ސިޓީ ކައުންސިލުން ބުނީ މިތަނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށެވެ. ޖާގަ ދޫކުރުމުގައި ޢަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށެވެ. އެގޮތުން މި ޒޯން ވެސް ޚާއްޞަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށެވެ. ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީ އަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭބަޔަށްކަމަށާއި މިކަމަށް އެދި ހުށަހަޅާއިރު އައި.ޑީ.ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑުޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ ނެގުމަށެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1500 ރުފިޔާނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000 ރުފިޔާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ވިލިމާލެއަކީ އާއްމު އުސޫލެއްގެ ގޮތުން އިންޖީނުލީ އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން