ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅާއި އެއްގޮތަށް އިހަވަންދޫ ބިން ހިއްކޭނެކަން ޔަޤީންވެގެން ހިނގައްޖެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިފާއު މިހެން ވިދާޅުވީ، ހއ. އިހަވަންދޫ ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމާއި ގުޅިގެންނެވެ.

ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ، އިތުރުން ބަނދަރު ބޮޑުކުރުމާއި، ފެރީ ޓަރމިނަލެއް އިމާާރާތްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށެވެ.

މިމަސައްކަތުގެ ދަށުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި، ފެރީ ޓާރމިނަލް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެރަށުގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށް ގެންގޮސްފައެވެ. އަދި އެތަކެތި އެރަށަށް ގެންދިއުމުން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެކަން ފާހަގަކުރައްވައި، ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ.

"އިހަވަންދޫގެ ބިންހިއްކުމަށް ބޭނުންވާ ބައެއްތަކެތި މިއަދުގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެވިއްޖެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް އިހަވަންދޫގެ ބިިން ހިއްކި ގެންދާނޭކަން ޔަގީން. އިހަވަންދޫ ރައްޔިތުންގެ އިޙްލާސްތެރި ޝުކުރު ރާއީސަށް އަރިސްކުރަން." ޝިފާއު ވިދާޅުވިއެވެ.





ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ސަތޭކަ ތޭވީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަސްރޫއެކެވެ.

ހއ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިސައްކަތުގެ ދަށުން 284 މީޓަރ ބޭރުތޮށި ހެދުމާއި، 178 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރ ގްރޯއިން ޖެހުމާއި، 95 މީޓަރ އެއްގަމު ތޮށި ހެދުމާއި، ޕޭވްމަންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރުގައި 27 ބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި 2 މޫރިންގ ބްލޮކްސް ބެހެއްޓުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން ހިމެނެއެވެ. މިއީ 51 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



އިހަވަންދޫގައި ކުރިއަށްގެންދާ ފެރީ ޓާމިނަލް ހެދުމުގެ މަޝްރޫއުއަކީ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލެވޭނެއެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން