ބަލްގޭރިއާއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބަލްޤޭރިއާގެ މިނިސްޓަރ އޮފް އިކޮނަމީގެ ނާއިބު ކަލީނާ ކޮންސްޓަންޓިނޯވާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ބަލްގޭރިއާދެމެދު ވިޔަފާރިއާ އިޤްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތައް ބަލްގޭރިއާއަށް އެކްސްޕޯޓުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވިއެވެ.



ޝާހިދުގެ ދަތުރުފުޅުގައި، ޓްރާންސްޕޯޓާއި އައިސިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ބޭއްވެވިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އެޤައުމުގެ ޓްރާންސްޕޯޓް، އިންފޮމޭޝަން ޓެކްނޯލޮޖީ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގިއޯރގީ ތެދްރޮވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.



މި ބައްދަލުކުރެއްވުމުގައި ދަތުރުފަތުރުގެ ދާއިރާއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނުކަމަށާއި އަދޮ މި މަޝްވަރާތަކުގެ ސަބަބުން ކުރިއަށްއޮތްތަނުގައި އެ ދާއިރާތަކުން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގެ ކުރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަލްޤޭރިއާގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއިވެސް ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއްކުރަށްވައިފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން