މިސަރުކާރަކީ ރައީސް ނަޝީދުގެ ހިއްސާ އޮންނަ ސަރުކާރެއް ނޫންކަން ޔަޤީންވާނީ މީޑިއާގެ ކުރިމަތީގައި ސަރުކާރަށް ތާއީދުނުކުރަށަވާކަން ރައީސް ނަޝީދު ހާމަކުރެއްވުމުންކަމަށް ޕީއެންސީގެ ނާއިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހާކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ މިސަރުކާރަށް ރައީސް ނަޝީދު ކިތަންމެ ވަރަކަށް ފާޑު ވިދާޅުވަމުންދިޔަނަމަވެސް މިއީ ރައީސް ނަޝީދުގެ ސަރުކާރެއްކަމަށެވެ. އަދި އެއީ ދޮގެއްކަން ހާމަވާނީ ރައީސް ނަޝީދު އަމިއްލަފުޅަށް މީޑިއާގެ ކުރިމަތީގައި ސަރުކާރަށް ތާއީދުނުކުރަށްވާކަން ހާމަކުރެއްވުމުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ރައީސް ނަޝީދަކީ ސަރުކާރަށް ތާއީދުކުރާ ބޭފުޅަކަށް ނުވިޔަސް، އެ މަނިކުފާނާ އެކީގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނެތްކަމަށެވެ. އަދި ޕީޕީއެމް ފަސާދަކުރުމުގެ ފުރުޞަތު ރައީސް ނަޝީދަށް ލިބިވަޑައިނުގަންނާވާނޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކައިގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކުން ވެސް ތާއީދުކުރަނީ ރާއްޖެ ވިއްކައިލަން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ރައީސް ނަޝީދު ވަނީ ޕީޕީއެމާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރަށްވާފައެވެ. ނަމަވެސް ޕީޕީއެމުން ތަކުރާރުކޮށް އަންނަނީ އެކަމަށް އިންކާރުކުރަމުންނެވެ. އަދި ރައީސް ނަޝީދު ޕީޕީއެމާއެކު މަސައްކަތްކުރައްވަން ފަށްޓަވާ ހިސާބުން ދިވެހި ރައްޔިތުން ސިޔާސީ ބޭފުޅުންނަށް އިތުބާރު ނުކުރާނޭކަމަށްވެސް ޕީޕީއެމްގެ އިސް ފަރާތްތަކުން ބުނެއެވެ. އަދި ސަރުކާރަށް ތާއީދުނުކުރަށްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާމެދު އެމްޑީޕީން ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން