މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ މި ސަރުކާރަށް ނުހޯދޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން ޕޮރުގުރާމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ނުލިބޭ ކަމަށެވެ. އަދި ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ސަރުކާރަށް ރިކަވަރ ކުރެވޭނެ ކަމަށް ގަބޫލުނުކުުރައްވާ ކަމަށާއި، ސަރުކާރުން އެފައިސާ ރިކަވަރ ކުރުމަށް މަސައްކަތް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް މަޖިލީހުން އާންމުކޮށް، އެތަށް ބަޔަކު ފަޟީހަތް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެެވެ.

"ހެއު ހިތުން އެކަމާ ގުޅޭ (ޚިޔާނާތާއިގުޅޭ) މައުލޫމާތު ދޭން ތިބި މީހުންވެސް ދެން އެ މައުލޫމާތު ދޭން ބޭނުންވާނެހެންހިއެއްނުވޭ, އެހެންވީމަ ރިކަވަރ ކުރެވޭނެ އެއްޗެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. ރިކަވަރ ކުރެވޭނީ ގޯސްކޮށް ދިން ރަށްތައް. އެރަށްތައް ދޫކޮށް ރިސޯޓްތަށް ހެދީމަ އުނދަގޫވެގެން އުޅެނީ އެކަންކަން ކުރަން. ރިކަވަރ ކުރަން އުޅޭތަނެއް ވެސް ނުފެނޭ." އަލީ ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ފަސްއަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދުވެސް ފެނިގެން ދަނީ ނުހައްގުން ކަންކަން ކުރެވޭ މަންޒަރު ކަމަށެވެ. އެގޮތުން ޔާމިންގެ އިސްތިއުނާފް މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ލަސްވެގެންދާތީ އަލީ ހުސެއިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެެ. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ރައީސް ޔާމިންގެ މައްސަލަ ވެސް އަވަސްކަމާއެކު ބަލައި ނިންމަންޖެހޭނެ. ރައީސް ޔާމިންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ކިހާ ދުވަހެއް ވަންދެން އޮތްތޯ؟ ސްޕްރީމް ކޯޓުގައި ވެސް ކިހާ ދުވަހެއްތޯ މިވަނީ؟ އަޅުގަނޑު ގަބޫލުކުރާގޮތުގައި ޖަލުގައި އިންނަ މީހެއްގެ މައްސަލަ އިސްތިއުނާފް ކުރެވުނީމަ އެންމެ އަވަހަށް އެ މައްސަލައެއް ބަލަންޖެހޭ. ރައީސް ޔާމިން އަޅުގަނޑުމެންނާއިމެދު ކަންކުރެއްވީ އަދި މާގޯސްކޮށް. އަޅުގަނޑުމެންނަށް ފެނުނީ އެތައް ބަޔަކު ނުހައްގުން ޖަލަށް ލެވި، އެމީހުން ޖަލުގައި ތިބެގެން އިސްތިއުނާފުގެ މައްސަލަތައް ނުބަލައި ހަމަ އޮތްތަން." އަލީ ހުސެއިން ވިދާޅުވިއެވެ.

ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ހިންގި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރައީސް ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެެ. ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެެ. އެހެން ނަމަވެސް ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާކަން ސަރުކާރު ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ވެސް އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން