ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
އާއްމު ހާލަތަށް ރުޖޫޢަވުމަށް އެންމެން ވެކްސިން ޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ ކޯވިޑް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ޙަރަކާތާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑު ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހިވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ ދިވެހިންގެ ނަސީބު ކަމަށެވެ. އެހެންކަމުން ފުރުސަތުގެ ބޭނުން ހިފައި، އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.



އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އަދި ވެކްސިންގެ ފުރަތަމަ ޑޯޒަކަށް ކޮވިޝީލްޑް ޖެހި ކަމަށް ވިޔަސް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ. އޭގެތެރެއިން ފައިޒާ ވެކްސިން މިވަގުތު ވަނީ ހުސްވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން