އެމްޑީޕީގެ ވެރިކަމުގައި އަބަދުވެސް ޖޭއެސްސީގެ ރައީސަކަށް ހުންނަވަނީ ސިޔާސީ ބޭފުޅެއް ކަމަށާއި، އެއީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން ރޭ ގެނެސްދިން އޮންލައިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، މީގެ ކުރިން ޖޭއެސްސީގެ ރައީސަކަށް ސިޔާސީ ބޭފުޅެއް ނުހުންނަވާ ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސަކަށް ހުންނަވާނީ ފަނޑިޔާރެެއް ނުވަތަ ސިޔާސީ ނޫން އެހެން ބޭފުޅެއް ކަމަށް އަލީ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އަބަދުވެސް ޖޭއެސްސީގައި ރައީސަކަށް ހުންނަވަނީ ސިޔާސީ ބޭފުޅެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ. ޖޭއެސްސީގެ ރައީސަކަށް މިހާރު ހުންނެވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެެވެ. އޭނާއަކީ އެމްޑީޕީގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ވަކީލެކެވެ.

އަލީ ހުސެއިން ވިދާޅުވީ 2008 ގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޖޭއެސްސީގެ ރައީސަށް ހުންނެވީ ސިޔާސީ ބޭފުޅެއް ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި ޖޭއެސްސީގެ ރައީސަކަށް ސިޔާސީ މީހަކު އިނުމަކީ މިއީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާކަމެއް، މިދައްކަނީ ތިން ބާރުގެ ތެރެއިން މުސްތަގިއްލު ބާރު ކޮންޓްރޯލް ކުރަން ނުވަތަ އެމީހުން އޮބަހައްޓައި ރެގިއުލޭޓްކުރާ މުވައްސަސާގެ އެންމެ އިސް މީހަކަށް ސިޔާސީ ޓައީ އަޅައިގެން ސިޔާސީ މީހަކު އިނީމަ އަދި ކަންތައްތަށް މާ ގޯސްވާނެ." އަލީ ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލަވާލައިފައިވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، ކެމްޕޭން ތެރޭގައި އެންމެ ގަދައަށް ދެއްކީ އެ ވާހަކަ ކަމަށެވެ. ޖޭއެސްސީ މިހާރު އޮތް ގޮތުން ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައި ފަނޑިޔާރުގެ ކޮންޓްރޯލް ކުރުން ފިޔަވައި އިތުރު ކަމެއް ނުވާކަމަށް ބުނެ އެމްޑީޕީން ވެރިކަމަށް އައިސް ޖޭއެސްސީ އެކުލަވާލާފައި އޮތް ގޮތް ބަދަލު ނުކޮށް ރިޔާސީ ދައުރު ދެބައި ވެގެންދިޔައިރު ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރުމަށް ސަރުކާރުން މަސައްކަތްކުރާތަން ނުފެންނަ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަތިޔާރު (ޖޭއެސްސީ) ގޯސް ހަތިޔާރެއްކަން ނުވަތަ އެންމެ އިންސާފުވެރިކޮށް ރަނގަޅަށް އޮތް އެއްޗެއް ނޫންކަން އެނގި އެނގި ތިބެ އެ ހަތިޔާރު ނުވަތަ އާލަތް ބޭނުންކޮށްގެން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލްކޮށްފައި އެކަން ނިމޭ ހިސާބަށް ދިޔައީމާ ދެން އެ އާލަތް ބަދަލުކުރަން އުޅުނީމާ އިޚުލާސްތެރިކަމުގެ ކަންފުޅެއް ވެސް ނެތެއް ނޫންތޯ؟" އަލީ ހުސެއިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން