މި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ޝަކުވާތައް ލިބެމުން އަންނާތީ އެ މައްސަލަތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލުތައް މި މަހު ބޮޑުވެ ޝަކުވާތައް އިތުރުވެފައިވާއިރު މި މަހު ވަނީ ކޮވިޑާއި ގުޅިގެން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލާފައެވެ.

މާލެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވެސް ބުނީ ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ.

އެކަމާއި ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ރެގިއުލޭޓް ކުރަން އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މައްސަލަ ހުށަހަޅާފައި ނެތަސް އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން މިއޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރަސްމީކޮށް މިމައްސަލަ މިއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، މިމައްސަލަ މިއޮތޯރިޓީއިން ބަލަމުންދާކަމުގައި ދަންނަވަމެވެ." އޮތޯރިޓީ އިން ކުރި އިއުލާނުގައި ބުނެފައިވެއެެވެ.

ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން ބައެއް އާންމުން ޝޯޝަލް މީޑިޔާގައި ވަނީ ގޮވާލާފައެެވެ.

ސްޓެލްކޯއިން ބުނީކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަވާނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު އާންމުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑުކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން