11 ވަނަ އެޕިސޯޑް

==========

[އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.....] ކޮޓަރިއަށް ވަން ޝާޢިރާ، އޭނާގެ ނަފްސަށް ނިސްބަތްކޮށްފައި ބުންޏެވެ.

[ޝާޢިރާ މިހާރު ނާޒިމާގެ ކަންތައްތައް ބަލަހައްޓާނޭ މީހަކު އެތަނަށް ފޮނުވައިފިންތަ. މީހަކު ހަމަޖެއްސިޔަކަސް ނުފުދޭނެ.] އިލްޔާސް އަބަދު ނާޒިމާގެ ކަންތައްތަކާ ވިސްނާތީ، ޝާޢިރާ އަބަދުވެސް ހިތްހަމައެއްނުޖެހެއެވެ.

[އަހަރެން ވަރަށް ރަނގަޅަށް ބުނެދިނިން. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.]

[އަހަރެން ދެން ދަނީ.....] ނާއިލް އެކޮޓަރިން ނުކުތީ ނުދަންނަ ނަމްބަރަކުން އޭނާގެ މޯބައިލް ފޯނަށް ގުޅާތީއެވެ. އޭނާ ފޯނު ނެގީ އެކޮޓަރިން ބޭރަށް ނުކުތުމަށްފަހުގައެވެ. ގުޅީ އޭނާ ނުވެސް ދަންނަ އަންހެން ކުއްޖެކެވެ.

[ނާއިލް....އަހަރެން ބޭނުން، ނާއިލާ ބައްދަލުކޮށްލަން...] ގުޅި އަންހެން ކުއްޖާ ނާއިލް ފޯނު ނެގުމާއެކު އެދުނެވެ.

[ކާކުތީ!؟] ވަކި މީހަކު ނޭނގި ވާހަކަ ދެއްކުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެއް. މިވަގުތު ބާއްވަނީ.] ނާއިލް ފޯނު ބޭއްވިއެވެ. ނަމަވެސް، އިރުކޮޅެއްނުވެ އަނެއްކާވެސް އެ އަންހެން ކުއްޖާ ގުޅިއެވެ.

[އަހަންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް. ތިގޮތަށް ޖެއްސުންކުރާ ފާޑަށް ގުޅުމަކީ އުނދަގޫވާ ކަމެއް.] ދެންވެސް އޭނާ ފޯނު ބޭއްވިއެވެ.

ޝާޢިރާގެ ދޮށީ ދަރިފުޅު ނާއިޝް އަދިވެސް މަސައްކަތް ކުރަމުން އެދަނީ އޭނާގެ މަންމަގެ މުސްތަޤްބަލް ބަނަވިޔަ ނުދިނުމަށްޓަކައި ނާޒިމާ ތާއަބަދަށް އެޢާއިލާއިން ބޭރުކޮށްލެވޭތޯއެވެ. ކުރީދުވަހު އޭނާގެ މަސައްކަތުގެ ހުރަހަކަށްވީ އޭނަޔާ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ނަޝާއެވެ. ނަޝާ އެދުވަހު ހުރަސްނޭޅިނަމަ، ހަމަގައިމުވެސް އެއްވެސް ކަމަކާމެދު އޭނާ ވިސްނާކަށް ނުޖެހޭނެއެވެ.

ރޭވިފައިވާ ގޮތުގެ މަތިން އަލިތައްޚާނު، އޭނާގެ މަސައްކަތް ފެށީ ޖެހިގެން އައި ދުވަހުގެ ހަވީރުވަމުންދިޔަ ވަގުތެވެ. މިހާރު އޭނާއާއި ކިޔެވެލި ކިޔަވާ މީހުން މަސައްކަތް ކުރަމުން އެދަނީ ނާޒިމާއަށް ވާހަކަ ދެއްކޭވަރަށް ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށެވެ.

[އިރާދަކުރެއްވިއްޔާ މިއަދު ނާޒިމާ ވާހަކަ ދައްކާ އަޑު އަހަރެމެންނަށް އިވޭނެ. ވާހަކަ ދެއްކިއްޖެއްޔާ، ހުރިހާ ކަމެއްވެސް މާގިނަ ދުވަސްތަކެއްނުވެ ފަސޭހަވާނެ.] މަސައްކަތް ފަށައިގަންނަމުން އަލިތައްޚާނު ވާހަކަ ދެއްކިއެވެ. އޭރު ނިކަން ހާސްވެ ކަންބޮޑުވެފައި ޝާޢިރާ އެތަނުގައި ހުއްޓެވެ.

[މިއަދު ވާހަކަ ދެއްކޭނެތަ؟] ހާސްވެ ކަންބޮޑުވެފައި ހުރި ޝާޢިރާއަށް ބޭއިޚްތިޔާރުގައި އެހުނެވެ. އެހިނދު ޝާޢިރާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާއެކު، އެންމެނަށްވެސް ބަލައިލެވުނީ ޝާޢިރާގެ މޫނަށެވެ.

އޭރުވެސް ހުއްޓުމެއްނެތި އަލިތައްޚާނާއި އޭނާގެ ބައިވެރިން މަސައްކަތް ކުރަމުން ދަނީއެވެ. އޭރު އެތާނގައި އިލްޔާސްވެސް ހުއްޓެވެ. ޝާޢިރާގެ މޫނުމައްޗަށް އަރައި ފައިބާ ކުލަވަރުން އިލްޔާސްވެސް ހުރީ ހިސާބަކަށް ޙައިރާންވެފައެވެ.

އަލިތައްޚާނު، ނާޒިމާ ލައްވާ ވާހަކަ ދެއްކުވުމަށްޓަކައި ސުވާލު ކުރަން ފެށީ މަސައްކަތް ކުރަމުންދާތާ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ.

[ނާޒިމާ ދެން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރޭ. ނާޒިމާއަށް ތިޙާލު ޖައްސަން މަސައްކަތް ކުރާ މީހަކު ނާޒިމާއަށް އެނގޭތަ؟] އެއްސުވާލެއް އަލިތައްޚާނު ދެތިންފަހަރު ތަކުރާރުކޮށްލިއެވެ. ދެން ފެނުނީ ނާޒިމާ ދޫ ޙަރަކާތް ކުރަން މަސައްކަތްކުރާ ތަނެވެ.

[ޝާ....ޝާ....ޢި...ރާ.] މަޑުމަޑުން ނާޒިމާގެ ދޫ ޙަރަކާތް ކުރިއެވެ. ހަމައެއާއެކު، އެންމެންގެ ލޯ ސީދާ ޝާޢިރާއަށް އަމާޒުވިއެވެ. ޝާއިރާގެ ދެލޯ ބޮޑުވިއެވެ.

އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާގެ އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަށް އޭނާއަށް ޤަބޫލު ކުރެވުނެވެ.

[ނާޒިމާ....އަދި ރަނގަޅަށް ބުނެބަލަ....ހިތްވަރުކޮށްފައި ބުނެބަލަ. ކާކުތަ ނާޒިމާ ތިޙާލުގައި ޖެއްސީ.] ޝާޢިރާ އެހެން މީހުނަށް އޮޅުވާލުމަށްޓަކައި ނިކަން އަވަސް އަވަހަށް އައިސް ނާޒިމާގެ އަތުގައި ހިފިއެވެ.

[ތެދެއް ނާޒިމާ...އަދި ރަނގަޅަށް ބުނެބަލަ. ރަނގަޅަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކޮށްބަލަ. ކާކުތަ އެމީހަކީ.] މިފަހަރު އަނެއްކާވެސް އަލިތައްޚާން ނާޒިމާއާ ސުވާލު ކުރަން ފެށިއެވެ.

އޭރު ނާއިލް ހުރީ މަންމަ ޝާޢިރާގެ ނަން ބުނީތީ، އެކަމާ ވަރަށް ބޮޑަށް ފިކުރުބޮޑުވެފައެވެ.

އެރޭ އިތުރަށް ވާހަކަ ދައްކަން އުޅެއުޅެ އަނެއްކާވެސް ނާޒިމާގެ އަޑު ބޭރުވާގޮތެއް ނުވިއެވެ. އެއީ ޝާއިރާއަށް އަނެއްކާވެސް ލިބުނު ކުޑަވަރެއްގެ ހިތްހަމަޖެހުމެކެވެ. ލިބުނު ފުރްޞަތުގައި އޭނާއަށް ނާޒިމާގެ ކިބައިން ދާއިމަށް ސަލާމަތްވެވިދާނެ ކަމަށް އޭނާ ދެކެއެވެ.

[ޝާޢިރާ، އަހަރެން ބޭނުން ޝާޢިރާއާ ވާހަކަ ދައްކަން، އައިސްބަލަ.] އިލްޔާސް މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ޝާޢިރާވެސް ނުކުތެވެ. އޭނާހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[ކިހިނެއްވީ އަނެއްކާ އިލްޔާސް އަހަންނާމެދު ޝައްކު ކުރަނީތަ؟] އިލްޔާސްގެ ފަހަތުންގޮސް ކޮޓަރިއަށް ވަންނަމުން ޝާޢިރާ ވާހަކަ ދެއްކިއެވެ.

[ނާޒިމާ...އެބުނީ ޝާޢިރާގެ ވާހަކައެއް ނޫންތަ؟ ނާޒިމާއަށް އެޙާލު ޖެއްސި މީހަކީ ކޮންމެ މީހަކު ކަމުގައިވިޔަސް، އަހަރެން އެމީހަކު އިންޞާފުގެ ކުރިމައްޗަށް ގެންދާނަން.] އިލްޔާސް ޝާޢިރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

[އަހަންނަށް މިދިރިއުޅުން ހޯދައިދިން މީހާއަށް ނިކަމެތިވާ ކަމެއް އަހަރެން ކުރާނެތަ؟ އަހަރެން މިއުޅެނީ ނާޒިމާ އަހަންނަށް ހޯދައިދިން ދުނިޔެއެއްގައެއް ނޫންތަ؟ އަހަރެން ވަރަށް ދެރަވެއްޖެ. އިލްޔާސް އަހަންނަށް ޝައްކުގެ ނަޒަރުން ބެލީތީ. އަހަރެން ހިއެއް ނުކުރަން، އިލްޔާސް އަހަންނަށް ޝައްކު ކުރާނެ ކަމަކަށް.] ޝާޢިރާ ބާރުބާރަށް ރޮއިގަތެވެ.

[ނުރޮއި ހުއްޓާލާ...ޝާޢިރާ...ނާޒިމާ ޝާޢިރާގެ ނަން ބުނިހެން ހީވާތީ އަހަރެން އެހެން އަހާލީއޭ. އަހަންނަށްވެސް އެނގޭ، ޝާޢިރާއަކީ އެކަހަލަ މީހެއް ނޫންކަން.] އިލްޔާސް ޝާޢިރާގެ ލޯ ފޮހެދޭން ފެށިއެވެ.

[ދެން އަހަރެން ބޮލުގައި އަޅުވާނީ މިއަށްވުރެން ބޮޑުކަމެއްކަންނޭނގެ....މިހާރު އެނގިއްޖެ. ހެޔޮކަމެއް ކޮށްދިނަސް ލިބޭނޭ އެއްޗެއް ނެތްކަން. އަހަރެން ނާޒިމާއާމެދު ވިސްނާ ވިސްނުން، އޭނާގެ ޙާލަތާމެދު ކުރާ ހިތާމަ އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އިލްޔާސް. އެކަމަކު އިލްޔާސްވެސް އަހަންނަށް ޝައްކުކުރީ....] އަނެއްކާވެސް ކުރިއަށް ވުރެން ބާރަށް އޭނާ ރޮއިގެންފިއެވެ. އިލްޔާސް ޝާޢިރާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

[މަޢާފްކުރޭ ޝާޢިރާ...ނުރޮއި ހުއްޓާލާ. އަހަރެން ދެން އެކަހަލަ ކަމަކަށް ޝާޢިރާއާމެދު ތުހުމަތެއް ނުކުރާނަން.] ޝާޢިރާގެ ބޮލުގައި އިލްޔާސް ފިރުމާލިއެވެ.

ހަމަ އެވަގުތެވެ. ނާޒިމާއަށް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް ނާއިލާއި އަލިތައްޚާން ހިތްވަރުދެމުންދާއިރު، ނާޒިމާއަށް ރޮވެނީއެވެ. އެތައްއިރެއް ވަންދެން އެރޭ ކުރެވުނު މަސައްކަތުންވެސް ނާޒިމާގެ އަޑެއް ބޭރެއްނުވިއެވެ. ނަމަވެސް، އެރޭ އޭނާއަށް ކޮންމެވެސްވަރަކަށް ފިޔަވަޅު އެޅެން ފެށިއެވެ. ދެއަތްވެސް ހިސާބަކަށް ޙަރަކާތް ކުރެވެން ފެށުނެވެ.

[މިހާރު ދެން ވަރަށްބޮޑުތަން ލުއިވެގެން މިދިޔައީ. އިރާދަކުރެއްވިއްޔާ، ދެތިން ދުވަސްތެރޭ މުޅިންހެން ނާޒިމާގެ ޙާލަތު ރަނގަޅުވާނެ. މިރެއަށް ދެން މިމަސައްކަތް ނިންމާލާނީ.] އަލިތައްޚާނުގެ މަސައްކަތް އެރެއަށް ހުއްޓާލިއެވެ.

[މާދަމާރޭވެސް މަސައްކަތް ކުރިއަށްދާނެތަ؟ އަހަރެން ވަރަށް އުފާވެއްޖެ، ސަތާރަ އަހަރަށްފަހު މަންމަގެ ޙާލަތު މިހާރުވެސް ވަރަށްބޮޑުތަން ރަނގަޅުވެއްޖެ. އަހަރެން އަލިތައްޚާނުބެއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ.] ނާއިލް މަންމަގެ ދެފައި މަސާޖު ކުރަމުން ވާހަކަ ދެއްކިއެވެ.

[މާދަމާރޭ މިއަދަށްވުރެން ބުރަކޮށް މަސައްކަތް ކުރަންވާނެ. އެހެންނޫނީ އަހަރެމެންގެ މިމަސައްކަތަށް އަވަހަކަށް ނިމުމެއް ނާންނާނެ. އަހަރެން ދިޔަޔަސް ނާއިލް މަންމައާ ވީހާވެސް ގިނައިން ވާހަކަ ދައްކާތި.] އަލިތައްޚާނު، އޭނާގެ އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުމެއްޖެއެވެ.

[އެންމެ ރަނގަޅު. އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.] ނާއިލް އަލިތައްޚާނުގެ ފަހަތުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

މިހާރު ނާއިޝް ވިސްނަމުން ދަނީ އޭނާގެ މަންމަގެ އުފާވެރި ދިރިއުޅުމަށް ހުރަސްނޭޅި ދިގުދެމިގެންދާނޭ ގޮތަކާ މެދުގައެވެ.

ލިބިފައިވާ ކުޑަކުޑަ ފުރްޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން އޭނާ ބޭނުންވެއެވެ. އެހެން ނޫނީ ދެން އެއްވެސް ވަގުތެއް ނުލިބޭނެއެވެ. މަންމައާއެކު އޭނައަށްވެސް އެގޭގެ ހިޔާދަށުން ފުރްޞަތު ގެއްލިގެންދާނެއެވެ.

އެރޭގެ ދަންވަރެވެ. ޞިއްޙަތަށް ލިބެމުންދާ ލުޔާއެކު ކޮންމެވެސްވަރަކަށް ހިތްހަމަޖެހިފައި ނާޒިމާ އޮތީ، އޭނާގެ މާޒީއާމެދު ވިސްނާށެވެ. މާޒީ ކިތަންމެ އަނދިރި ދުވަސްތަކެއްގެ ގޮތުގައި ފާއިތުވެގެންދިޔަޔަސް، މިހާރު އޭނާގެ މުސްތަޤްބަލް އަލިވަމުންދާ ކަމުގެ އިޙްސާސް، އޭނާއަށް އެބަކުރެވެއެވެ.

މިޚިޔާލާއި ފިކުރުގައި އޮއްވާ ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާފައި އެވަނީ މޫނު ފޮރުވައިގެން ހުރި މީހެކެވެ. އޭނާ މަޑުމަޑުން އައިސް އެހުއްޓުނީ ނާޒިމާ އޮތް އެނދުގެ މަގަތަށެވެ.

އެމީހާ ކޮޓަރިއަށް ވަނުމާއެކު ނާޒިމާ، އޭނާގެ އަޑު ނުކުމޭތޯ މަސައްކަތް ކުރަން ފެށިއެވެ. ހަމަގައިމުވެސް މިފަދަ ދަންވަރުގެ ވަގުތެއްގައި ނާޒިމާއަށް އެހީވާކަށް އެއްވެސް މީހަކު ނެތެވެ. މިގަޑީގައި އެންމެންވެސް ތިބޭނީ ނިދާފައެވެ.

މޫނު ފޮރުވައިގެން ހުރި މީހާ ނާޒިމާއާ ދިމާއަށް ގުދުވާން ފެށީމާ، ނާޒިމާ އެނދުން ތެދުވެވޭތޯ މަސައްކަތް ކުރަންވެސް ފެށިއެވެ. ދެން ފެނުނީ މޫނު ފޮރުވައިގެން ހުރި މީހާގެ ރަޙުމް ކުޑަ މަންޒަރެވެ.

[ދަ...ރި...ފުޅާ...ނާ...ނާއިލް...ނާއިލް....] ކުއްލިއަކަށް ނާޒިމާއަށް ލިބުނީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭނގުނެވެ. ނާޒިމާގެ އަޑު ނާއިލަށް އެވަގުތު އިވުނީ ނާޒިމާގެ ނަޞީބެވެ. ނަމަވެސް، ނާއިލަށް ދުވެފައި އައިސް އެކޮޓަރިއަށް ވަދެވުނުއިރު މޫނު ފޮރުވައިގެން ހުރި މީހާ ފިލައިފިއެވެ. ކޮޓަރިއަށް ވަދެވުނުއިރު ނާއިލް ހުރީ އުފަލުން ހަދާނެ ގޮތެއް ނޭނގިފައެވެ.

[މަންމާ...މަންމަތަ ހަމަ ޙަޤީޤަތުގައިވެސް އަހަންނަށް ގޮވީ....ވަރަށް އުފާވެއްޖެ....މަންމާ ހާދަ ބިރުގެންފަ....އަނެއްކާ ކިހިނެއްވީތަ؟] ނާއިލް މަންމަ އޮތް އެނދުގެ މަގަތުގައި އިށީނދެ، މަންމަގެ އަތުގައި ހިފިއެވެ.

[ދަރިފުޅާ....މޫނު ފޮރު...ވައިގެންހުރި މީހަކު މަންމައަށް ޙަމަ...ލަދޭން...އުޅުނީ...އެދޮރުން...އެދޮރުން...] އެކޮޓަރިއަށް ވަންނަން ހުންނަ ދެވަނަދޮރާ ދިމާއަށް އިނގިލި ދިއްކުރަމުން ނާޒިމާ ވާހަކަ ދެއްކިއެވެ.

ނާއިލް ނިކަން ބާރަށް ދުވެފައި ގޮސް އެދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އެހެން ނަމަވެސް، އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވިއެވެ. ވުމާއެކު، ވަގުތުން އޭނާ އެތާނގައި ހުރެ އޭނާގެ ބައްޕަ އިލްޔާސަށް ގުޅިއެވެ.

ނާއިލް އެވާހަކަ ކިޔައިދިނުމާއެކު، އިލްޔާސްވެސް ވަގުތުން އެކޮޓަރިއަށް އައިސް ވަދެއްޖެއެވެ.

[މީހަކު ވަނީއޭ....ތިމީހަކު ވަން ކަމަށްޓަކައި މާތްރަސްކަލާނގެއަށް ޙަމްދު ކުރަން. އެމީހެއްގެ ސަބަބުން ހިތްވަރު ލިބިގެން ނާޒިމާއަށް ވާހަކަ ދެއްކިއްޖެއެއްނު. ދަރިފުޅާ، ތިމީހަކު ހޯދަން އުޅޭނެވެސް ބޭނުމެއް ނެތް. ދެން މަންމައާ އަޅާލަން އާދޭ.] އިލްޔާސް ވަރަށް އުފާވެފައި ހުރެ ނާޒިމާގެ ދެއަތުގައި ހިފަހައްޓާލިއެވެ.

[މަންމާ...އަހަރެން ހާދަ އުފާވެއްޖެޔޭ.] އޭރު ނާޒިމާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދަނީއެވެ. އެހެން ނަމަވެސް، އޭނާ އިތުރަކަށް ވާހަކައެއް ނުދައްކައެވެ.

[ދަރިފުޅާ...އެމީހަކު މަންމައަށް ޙަމަލަދޭން އެބަ މަސައްކަތްކުރޭ. މަންމައަށް ދެން މިކޮޓަރީގައި އެކަނި އޮންނާކަށް ނުކެރޭނެ.] ނާޒިމާ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލުމަށްޓަކައި އަތް އުފުލަން މަސައްކަތް ކުރިއެވެ. ނަމަވެސް، އެއްވެސް ޙަރަކާތެއް ނުކޮށް ގިނަ ދުވަސްތަކެއްވެފައި ވުމުގެ ސަބަބުން ގުނަވަންތަކުގެ ޙަރަކާތްވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ދުވަސްތަކެއް ވަންދެން ކަސްރަތު ލިބިގެން ނޫނީ އޭނާ މުޅިން ހަމައަކަށް ނޭޅޭނެއެވެ.

[ނާޒިމާ...ދެން ބުނެބަލަ. ކާކުތަ ނާޒިމާ ތިޙާލުގައި ޖެއްސީ...އެއީ ކާކުކަން ނާޒިމާއަށް އެނގެއެއް ނޫންތަ؟] ނާޒިމާގެ ލޮލުގައި ހުރި ކަރުނަތައް އިލްޔާސް ފޮހެދެމުން ވާހަކަ ދެއްކިއެވެ.

[މިހާރަކު ނޫން. އަހަރެން ފުރިހަމަ ޞިއްޙަތެއްގައި ހުރެގެން އެއްވެސް މީހަކަށް އަހަންނަކަށް ޙަމަލައެއް ނުދެވޭނެ.] ނާޒިމާ އަތުގެ ހުޅުތައް ލެންބޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

[މިރޭގެ ފަހުން އަހަރެން އޮންނާނީ މިކޮޓަރީގައި. އަދި މިކޮޓަރީގައި ނާޒިމާ އެކަނިވާނެ ފުރްޞަތެއް އަހަރެން ނުދޭނަން.] އިލްޔާސް ބުންޏެވެ. އިލްޔާސް، އޭނާގެ އެންމެ ލޯބިވާ ޙަޔާތުގެ ބައިވެރިޔާގެ ގާތުގައި ނުނިދާތާ މިހާރު ސާދަވަރަކަށް އަހަރު ވެދާނެއެވެ.

[ދަރިފުޅާ...ބައްޕަ އެބަ އަންނަން. އެކޮޓަރީގައިވާ ޒައިތޫނި ތެޔޮފުޅި ހިފައިގެން. މިރޭގެ ބާކީ އޮތް ވަގުތު ބައްޕަ މަސައްކަތް ކުރާނަން، މަންމައަށް ކަސްރަތު ހޯދައިދޭން. ބައްޕަގެ އުއްމީދަކީ ވީހާވެސް އަވަހަކަށް މަންމަ ޢާންމު ޙާލަތަށް އައުން.] އިލްޔާސް މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެއެވެ.

[މަންމާ، އަހަރެން ގާތު ބުނެބަލަ، އެމީހަކީ ކާކުތަ؟ އެމީހަކު ކީއްވެގެންތަ މަންމައަށް ޙަސަދަވެރިވެގެން އުޅެނީ. އަޅެ ބުނެބަލަ، މަންމާ އެކުށްވެރިޔާއަށް ދުވަހަކުވެސް އަހަރެން މަޢާފެއް ނުކުރާނަން.] ނާއިލް ނާޒިމާގެ އަތާއި ފައިގެ ހުޅުތަކަށް ކަސްރަތު ހޯދައިދެމުން ވާހަކަ ދެއްކިއެވެ. ނަމަވެސް، ނާޒިމާ ނިންމީ، އެވަގުތަކީ އެކަމަށް އެންމެ މުނާސަބު ވަގުތު ނޫން ކަމަށެވެ.

އޭނާ ބޭނުންވަނީ އޭނައަށް ހިނގެންދެން އެއްވެސް ވާހަކައެއް ނުދައްކާ ސިއްރު ކުރާށެވެ.

[މަންމަ ކިޔައިދޭނަން....ދަރިފުޅާ..އެކަމަކު ދަރިފުޅުވެސް ވަރަށް ރައްކާތެރިވެގެން އުޅޭތި.....މަންމަ މިޙާލުގައި ޖެއްސި މީހަކަށް، މީހަކު ދެބުރިކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މަންމައަށް އެކަންޏަކު ނޫނޭ، މިޙާލު ޖައްސައިގެން އުޅެނީ...ދަރިފުޅުގެ ބޮޑުބޭބެ....މިމަންމަގެ ކޮއްކޮ ޔޫސުފަށްވެސް އެހާލު ޖައްސައިގެން އުޅެނީ އެއްބައެއް. ދަރިފުޅާ އަވަހަށް ޔޫސުފްބެ މާލެ ގެނެވޭތޯ މަސައްކަތް ކުރޭ.] ނާޒިމާގެ ލޮލުން އަނެއްކާވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ.

[މަންމާ، ދެން އެންމެ ހިނދުކޮޅަކަށްވެސް ތިކަން ސިއްރުނުކޮށް އެއީ ކޮންބައެއްކަން ބުނޭ. އަހަރެންގެ ޢާއިލާގެ އުފާވެރިކަން ނައްތާލަން މަސައްކަތް ކުރަނީ ކާކުތަ؟] މަންމަގެ ދެލޯ ފޮހެދެމުން ނާއިލް ވާހަކަ ދެއްކިއެވެ.

[އެއީ ދަރިފުޅުމެނާ ދުރު މީހެއް ނޫން. މަންމަ ހިތަކަށްވެސް ނާރާ، އޭނާ މަންމަމެނާ ދޭތެރޭ މިގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް. އެކަމަކު ކުޑަވެސް ރަޙުމެއް ހުރި މީހެއް ނޫން އެއީކީ. އޭނާ ބޭނުންވަނީ ޢާއިލާގެ މުދާވެރިކަމާއި ފައިސާއަކީ އޭނާގެ މިލްކިއްޔާތަކަށް ހަދަން.] ނާޒިމާ އަދިވެސް އެމީހަކީ ކާކު ކަމެއް ބުނާކަށް ނޫޅެއެވެ.

[މަންމާ...އާދޭސްކޮށްފަ ބުނަން، ދެންވެސް ސިއްރުނުކޮށް ބުނެބަލަ. ތިބުނާ ނުބައި ނުލަފާ އަނިޔާވެރިއަކީ ކާކުތަ؟] ނާއިލް ތަކުރާރުކޮށް ސުވާލު ކުރިއެވެ.

[ދަރިފުޅާ، ދަރިފުޅު އެމީހާއަށް ސަމާލުވާތި، ބޭރުފުށުން ކިތަންމެ ހެޔޮ އޯގާތެރި ކަމެއް ފެނުނަސް، އޭނާގެ އެތެރެހަށީގައި އަހަރެމެންނަށްޓަކައި އަނދަމުންދަނީ ނަފްރަތުގެ އަލިފާން. ދަރިފުޅާ...އެމީހަކީ ދަރިފުޅުގެ ކުޑަމަންމަ....އާނ....ޝާޢިރާ....މަންމަ މިޙާލުގައި ޖެއްސީ ޝާޢިރާ....ޔޫސުފަށްވެސް އެހާލުގައި ޖެއްސި މީހަކީ ހަމަ ޝާޢިރާ....ދަރިފުޅާ އެކަމަކު އަދި މިވާހަކަ ދަރިފުޅުގެ ބައްޕަ ގާތު ނުބުނާތި.] އެކަމަކު ނާޒިމާ މިވާހަކަ ދެއްކިއިރު، ދޮރުމަތީގައި އެއަޑުއަހަން އިލްޔާސް ހުއްޓެވެ.

[ދެން އަހަންނަކަށް ސިއްރެއް ނުކުރެވޭނެ. މިހާރު އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ. އާނ...އަހަރެން ޝާޢިރާއަށް ޙައްޤު އަދަބުދޭނަން.] މިހާރު އިލްޔާސް ރުޅިއައިސް ތުރުތުރު އަޅަނީއެވެ.

[އިލްޔާސް މާބޮޑަށް ރުޅި އިސްކޮށްގެން ގޯހެއް ނަހަދައްޗޭ. އިހަށް އައިސް އަހަރެން ގާތުގައި މިތާނގައި އިށީނދެބަލަ.] ނާޒިމާ ކުޑަކޮށް ބުރަކަށި ތެދުކޮށްލައި އެނދުގެ ފަޑީގައި ލެނގިލިއެވެ.

[ނާޒިމާ، މިރޭ އަހަންނަށް ހުރިހާ ގޯހެއްވެސް ހެދޭނެ. އަހަރެން ހިތަކަށްވެސްނާރާ، ޝާޢިރާއަކީ އެހާ ބޮޑަށް އަމިއްލަ އެދުމާއިގެން އުޅޭ މީހެއް ކަމަކަށް. މަދު ދުވަސްތަކެއް ނޫނޭ، ސަތާރަ އަހަރު ހޭދަވެގެން މިދިޔައީ، ކިހާބޮޑު ހިތްދަތި ކަމެއްގައި. އޭނައަށް ޙައްޤު އަދަބުދޭނަން.] ރުޅި އައިލެއް ބޮޑުކަމުން، އިލްޔާސް ހުރީ ފެންކަޅިވެފައެވެ.

އެއަށްފަހު، ޝާޢިރާގެ ރޭވުންތެރިކަން ނާޒިމާއަށް އެނގުނު ހިސާބުން ފެށިގެން ކަންތައްތައް ކުރަމުން ނާޒިމާ އައި ގޮތް، ފެށުނީއްސުރެން އިލްޔާސާއި ނާއިލަށް ކިޔައިދޭން ފެށިއެވެ.

އޭނައަށް ޝާޢިރާގެ ޖާސޫސީ ރޭވުންގަނޑު ފުރަތަމަ އެނގުނީ، ޝާޢިރާ އެގެއަށް ގެނައިތާ ހައަހަރު ފަހުންނެވެ. އޭރު އޭނާ އެބައްޔެއްގައި އެނދުމަތިވެ ދަރިފުޅަށް ޚިދްމަތް ނުކުރެވޭތީ، ޝާޢިރާއާއި އިލްޔާސާ ވާހަކަ ދައްކައިގެން ދަރިފުޅު ނާއިލްގެ ޙައްޤުގައި އިލްޔާސާއި ޝާޢިރާގެ ކައިވެނި ވަނީ ކުރުވާފައެވެ. އެކައިވެންޏަށް އޭރުވަނީ އެއްކުއްޖަކުވެސް ލިބިފައެވެ.

ޝާޢިރާއާއި މުޙްސިން، ނާޒިމާ އޮންނަ ކޮޓަރީގެ ދޮރުމަތީގައި ތިބެގެން ދެއްކި ވާހަކަތަކުގެ އަޑު ނާޒިމާއަށް އިވުނީއެވެ. އެދުވަހު ނާޒިމާ ވަރަށް ރުޔެވެ. ސީދާ ނާޒިމާ މަރާލުމަށްޓަކައ އެމީހުން މަސައްކަތް ކުރާކަންވެސް އެދުވަހު ނާޒިމާއަށް އެނގުނެވެ. ނަމަވެސް، އޭރުވެސް އޭނާއަށް ވާހަކަ ނުދެއްކޭތީ، އޭގެ އެއްވެސް ވާހަކައެއް އިލްޔާސަށް ކިޔައިދެވޭގޮތެއް ނުވިއެވެ.

ނާޒިމާގެ ކޮއްކޮ ޔޫސުފް ބަލިވީ، އޭނާ ރާއްޖެތެރޭގެ ރަށެއްގެ އަންހެނަކާ ކައިވެނި ކުރުމަށްފަހު މާލެއައިތާ މަސްދުވަސްވެސް ނުވަނީހެވެ. އެމީހުން ބޭނުންވީ ނާޒިމާއާއެކު ޔޫސުފްވެސް އެޢާއިލާއާ ދުރަށް ފޮނުވާލާށެވެ. ނަމަވެސް، އިލްޔާސްގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އެކަން އެގޮތަށް ކުރުމަކީ ޝާޢިރާމެނަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

އެހެން ނަމަވެސް، ފާއިތުވެދިޔަ ސަތާރަ އަހަރު ދުވަސްތެރޭ ނާޒިމާއާއި އޭނާގެ ކޮއްކޮ ޔޫސުފަށް ހިތްދަތިކަންދީފައި ޝާޢިރާ އުފަލާއެކު ދުވަސްތައް ހޭދަކޮށްފިއެވެ.

ނާޒިމާ، އެވާހަކަތައް ކިޔައިދެމުން ދިޔައިރު، އޭނާ އެންމެ ހިތްދަތިވި ދުވަހެއް ކަމަށް ބުނެފައިވަނީ، ދާދިފަހުން އޭނާއަށް ޒަހަރުދޭން ޝާޢިރާގެ ދަރިފުޅު ނާއިޝް މަސައްކަތް ކުރި ދުވަސް ކަމުގައެވެ. ޝާއިރާ ބުނީ މޫނު ފޮރުވައިގެން އެކޮޓަރިއަށް ވަނީވެސް ނާއިޝްކަން އޭނާއަށް ޔަޤީން ކުރެވޭ ކަމަށެވެ.

[ނާއިޝް...ނާޒިމާއަށް ޒަހަރުދޭން އުޅުނިއްޔޭ. އަހަރެންގެ ދަރިއަކަށްވެހުރެ، އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން އޭނާ މަސައްކަތް ކުރީ.....] އޭރު ނާއިލްވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެވަގުތު އިލްޔާސް އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ. ނަމަވެސް، އެވަގުތު ނާޒިމާ އެއްލި އަތުން އިލްޔާސްގެ އަތުގައި ހިފައިފިއެވެ.

ނާޒިމާގެ އަތް ޙަރަކާތް ކުރުމުން، އިލްޔާސް ހުއްޓުނެވެ. އަނެއްކާވެސް އޭނާ އިށީނެވެ.

[ލޭ ހޫނުވެގެން އެއްވެސްތާކަށް ނުދާތި. އިލްޔާސް، އިލްޔާސްގެ އަމިއްލަ ލޮލަށް އަދި އަޞްލު ފެންނާނެ. މިރޭވެސް އިލްޔާސް ކެތްކޮށްފިއްޔާ ފެނިދާނެ.] އިލްޔާސް އަތުގައި ހިފަހައްޓައިގެން ހުރެ ނާޒިމާ ބުންޏެވެ.

އޭރު ނާއިލަށް ހިމޭނުން ހުރެވެނީ ކިރިޔަ ކިރިޔާއެވެ. އޭނާގެ ލޮބުވެތި މަންމައަށް ޒަހަރުދީ މަރާލަން ނާއިޝް މަސައްކަތް ކުރިކަން އެނގުމުން، އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


0

ޢަަަރުސް

11-May-2020

ޥަހަކަ އެއްކޮއް ކިޔަލެވެެނި ކިހިނެއް ހެދިއްޔަ



ޓްރެންޑިން