މި އަހަރުގެ ފުރަތަމަ 6 މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން ޖަލުން އަތުލާގަނެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނަރގެ ވާހަކައިގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންނާއި އެއިންކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަން ފާހަގަކުރެއްވިއެވެ. އަދި އެމްސީއެސް ބަލަހައްޓާ ހަތަރު ޖަލުގައި މިހާރުވެސް ބަންދުކުރެވިފައިވާ ޤައިދީންގެ ނިސްބަތައް ބަލާއިރު 70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ޤައިދީންކަމަށާއި ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލާގަނެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާއިރު، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާކުރިމަތިލާންޖެހޭކަމަށާއި އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތުންކަމަށް ފާހަގަކުރެއްވިއެވެ.

އަދި ކޯވިޑް-19ގެ ސަބަބުން ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުން އެކެއް އިންސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލާގަނެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުންވާކަމީ ހިތާމަހުރިކަމެއްކަމަށް ވިދާޅުވިއެވެ. އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑްއެއް ޤާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަމާއެކު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭލެއް މަދުކަމަށް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ މީގެ އިތުރުން ފާހަގަކުރެއްވީ ޤައިދީންނަށް ޕެރޯލް ފުރުޞަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިތަކާ މަޝްވަރާކުރައްވަމުންދާކަމަށެވެ. އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިގޮތުން ޖުލައި 17 ން 24 ށް ކުރިއަށް ގެންދިޔަ “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވާއިރު، ޖުލައި 25 ން 29 ށް ކުރިއަށް ގެންދިޔަ “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް 23 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ. މި ދެ ޕްރޮގްރާމްގައިވެސް ބައިވެރިވެފައިވަނީ އެއް ބެޗެކެވެ.

ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން އަލްފާޟިލާ ތޯއިބާ ސައީދު ވަނީ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ނެލްސަން މަންޑޭލާ ރޫސްލްސްގެ ޓޫލްކިޓް ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު