ރައީސް ޔާމީންގެ ވެރިކަމުގައި ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަަބަބުން ދުނިޔެއާއި ރާއްޖެއާ އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭރު އޮތްގޮތުން ވަކި ޤައުމުތަކަކާއެކު އޮތް ގުޅުން އެހެން ޤައުމުތަކަށް ވުރެ ރަނގަޅެވެ. ގުޅުން ގޯސް ޤައުމުތަކެއްވެސް އޮތެވެ. އޭގެ ސަަަބަބުން ރާއްޖެއަށް ކުރިމަތިވި ދަތިތަކެއްވެސް ހުއްޓެވެ.

ރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަން ދެއްވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާ ކުރެއްވުމަށެވެ. އެގޮތުން ގުޅުން ގޯސްވެފައިވާ ޤައުމުތަކާއި ގުޅުން ބަދަހިކޮށް، އިތުރު ޤައުމުތަކާއެކު ގުޅުން ޤާއިމްކުރުން ވެގެންދިޔައީ ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތަކަށްވީ ވަކި ބަޔަކާއި މާބޮޑަށް ގާތްނުވެ، ހުރިހާ ޤައުމުތަކާއެކުވެސް ރަނގަޅު ސިޔާސީ ގުޅުމެއް ބޭއްވުމެވެ. އަދި ގުޅުންތަކުގެ ތެރެއިން ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ކުރިއެެރުން ހޯއްދަވައިދެއްވުމެވެ. އަވަށްޓެރި އެކުވެރި އެހީތެރީންނަށް އިސްކަންދީގެން ސަރަހައްދީ ހަމަޖެހުމަށް މާބޮޑުއިސްކަމެއް ދީގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ ބުރަ މަސައްކަތް ހަވާލުވެފައި އޮތީ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެވެ. އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. އެމަޤާމަށް ޝާހިދަށްވުރެ ވަކި ޤާބިލް އެހެން ބޭފުޅަކު ރާއްޖެއަކުން ނުހޯދޭނެއެވެ. ސަރުކާރަށް މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ވަރަށް ރަނގަޅަށް އެމަނިކުފާނު ސާބިތުކޮށްދެއްވައިފިއެވެ. ޚާރިޖީގޮތުން އޮތް ގުޅުންތައް ބަދަހިކޮށް، ކެނޑިފައި އޮތް ގުޅުންތައް އަލުން ޤާއިމްކޮށް، އިތުރު ގުުޅުންތައްވެސް ޤާއިމްކޮށްފިއެވެ.



ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަ ވެގެން ބަޔަކު ޝަކުވާކުރިޔަސް، ހަޤީޤަތުގައި އެ ދަތުުރުތަކުން ލިބޭ ފައިދާއާއި ކުރިއެރުންތަކަކީ މަދު ބަޔަކަށް ނޫނީ އެނގޭނެ ކަންކަމެއް ނޫނެވެ.

ޚާރިޖީ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ކޯވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތި ހާލަތުގައި ލިބުނު އެހީތަކުންވެސް ހާމަވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުން އަދި ފަންނީ މާހިރުންވެސް ފޮނުވައިގެންވެސް އެހީތައް ފޯރުކޮށްދިނެވެ. އަދި ދުނިޔެއަށް ވެކްސިން ހޯދަން އެންމެ ދަތި ވަގުތު ރާއްޖެއަށް ވެކްސިންވެސް ލިބިގެންދިޔައީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ޤައުމުތަކާއެކު އޮތް ގުޅުންތައް ހަރުދަނާވުމުންނެވެ.

ކޯވިޑްގެ ހާލަތު ނޫނަސް، ރާއްޖެއަށް އެކި ރޮނގު ރޮނގުން ބޭރުގެ އެހީ ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ. ވިޔަފާރީގެ ގޮތުންނާއި، ތައުލީމީ ގޮތުންނާއި، އެހެން ދާއިރާތަކުންވެސް ރާއްޖެއަށް ފުރުޞަތުތައް ދަނީ ހުޅުވެމުންނެވެ.

އެންމެފަހުން އޮތް އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބުންވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ހާމަވެއެވެ. އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންނެވީ 193 މެންބަރު ޤައުމުގެ ތެރެއިން 143 މެމްބަރުގެ ޤައުމުގެ ވޯޓާއެކުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރުއެވެ. މިކަމަށް ފައިސާތަކެއް ހަރަދުކޮށްފައި ނުވާއިރު، މިއީވެސް ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަމުގެ ސަބަބުން ލިބުނު ޝަރަފުވެރި މަޤާމެކެވެ. ޤައުމުތަކާއެކު ގުޅުން ރަނގަޅުވުމުގެ ނަތީޖާއެވެ. ވަކި ބަޔަކާއި ޖައްސާލުމުގައި، ނުވަތަ ވަކި ބަޔަކާއި މާބޮޑަށް ގާތްނުވެ، ހުރިހާ ޤައުމަކާއެކުވެސް ހަރުދަނާ، އެކުވެރި ގުޅުންތަކެއް ބޭއްވުމުގެ ނަތީޖާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން