މާލޭ ރައްޔިތުންގެ ކަރަންޓް ބިލު މިމަހު ބޮޑުވީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް ވިދާޅުނުވާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް ވިދާޅުވީ، ކަރަންޓް ބިލު ބޮޑުވުމާއި ގުޅިގެން މީގެކުރިން އޭނާ ވިދާޅުވި ވާހަކަ ނޫސްވެރިން ގޯސްކޮށް ރިޕޯޓްކުރީ ކަމަށެވެ.

މިމައްސަލަ ފެންމަތިވެގެން އައީ މާލެ ރައްޔިތުންނަށް މިމަހު ލިބުނު ކަރަންޓް ބިލު ބޮޑުކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭގެ ކަރަންްޓް ބިލުތައް ރައްޔިތުންނަށް ދެއްކޭ ވަރަށްވުރެ ބޮޑުކަމަށެވެ. އަދި މިފަހަރު ކަރަންޓް ބިލު ދައްކަންޖެހޭނީ ރައްޔިތުންގެ އަތުގައި ނެތް ފައިސާއަކުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށެވެ. އަދި އެކަން އެގޮތައް ދިމާ ވަނީ ޑރ. މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



އާޒިމް މިހެން ވިދާޅުވުމުން، ކަރަންޓް ބިލު ބޮޑުވީ ކުރީ ސަރުކާރުގެ ސަަބަބުންކަމަށް މާނަ ދޭހަވެއެވެ. އަދި ނޫސްތަކުން ވަނީ އެގޮތަށް ރިޕޯޓްވެސް ކޮށްފައެވެ. ނަމަވެސް ނޫސްތަކުން އެގޮތަށް ރިޕޯޓްކުރުމުން އާޒިމް ވަނީ ހިތްހަމެނުޖެހުން ފާޅުކުރައްވާފައެވެ. އެކަމާއި ގުޅިގެން އާޒިމް ވިދާޅުވީ ކަރަންޓް ބިލު ބޮޑުވީ ކުރީގެ ސަރުކާރުގެ ސަބަބުންކަމަށް އެންމެ ފަހަރަކުވެސް ވިދާޅުނުވާކަމަށެވެ. އަދި މިއީ އެކްޓިވިސްޓުން ނޫސްވެރިކަންކުރުމުން ދިމާވީ ކަމެއްކަމަށް ވިދާޅުވެ އާޒިމް ވަނީ ނޫސްވެރިންނަށް ފާޑު ވިދާޅުވެފައެވެ.

"އަދި އެއްފަހަރު ޓުވީޓް ބައްލަވާލައްވާ. އެއްފަހަރުވެސް ނުބުނަން ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ. އެކްޓިވިސްޓުން ނޫސްވެރިންނޭކީމަ ވާގޮތްމީ. އުންމީދު ކަނޑައެއްނުލަން. ރަގަޅުވާނެ." އާޒިމް ވިދާޅުވިއެވެ.



މާލޭގެ މިފަހަރުގެ ކަރަންޓް ބިލު ބޮޑުވުމުގެ ޝަކުވާ ގިނަވެފައިވާއިރު، ސްޓެލްކޯއިން ބުނަނީ ބިލު ހެދުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނޭކަމަށެވެ.

މިފަހަރު ކަރަންޓް ބިލު ބޮޑުވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އާޒިމް ވިދާޅުވި ވާހަކައަށް ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު