މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރަން ބޭނުންވާނަމަ ކަމާއިގުޅޭ މުއައްސަސާތަކުގެ މަސައްކަތްތައްވެސް ހަރުދަނާކުރަންޖެހޭކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިޖްތިމާއީ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރައްވައި، އެކަންކަން ހައްލުކުރުމަށް އަޑު އުފުއްލަވަމުން ގެންދަވާ އަމީން އިބްރާހިމް މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖޭގެ ޖަލުތަކުގައިވެސް މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން އަމީން އިބްރާހިމް ވިދާޅުވީ މަސްތުވާތަކެތި އެތެރެވުމާއި މަސްތުވުން ރަމަތަކުރުމުގެ ސިޔާސަތުތަކަށް އާ ވިސްނުން ބޭނުންވާކަމަށެވެ. އަދި ތަންފީޒީ މުއައްސަސާތަކަށް އިތުރު ބާރުވެރިކަމާއި ހިންގުމުގެ އޮނިގަނޑަށް އިތުރު ހަރުދަނާކަންވެސް ބޭނުންވާކަމަށް އަމީން ވިދާޅުވިއެވެ. އަދި ވަގުތު ނަގާނުލައި އެމަސައްކަތް ކުރުުމަށްވެސް އަމީން ގޮވާލެއްވިއެވެ.

"މަސްތުވާތަކެތި އެތެރެވުމާއި މަސްތުވުން ރަމަތަކުރުމުގެ ސިޔާސަތުތަކަށް އާ ވިސްނުމާއި ތަންފީޒީ މުއައްސަސާތަކަށް އިތުރު ބާރުވެރިކަމާއި ހިންގުމުގެ އޮނިގަނޑަށް އިތުރު ހަރުދަނާކަން އެބަ ބޭނުންވޭ. ވަގުތު ނަންގަވާ ނުލައްވާ!" އަމީން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މި އަހަރުގެ ފުރަތަމަ 6 މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން ޖަލުން އަތުލައިގަނެވިފައިވާކަމަށެވެ.

ކޮމިޝަނަރގެ ވާހަކައިގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންނާއި އެއިންކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން