މުޖްތަމައަށް ޚިދުމަތްކުރުމުގެ އަދަބު ތަންފީޛުކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން، އެމްޓީސީސީއާ މަޝްވަރާކޮށްފިއެވެ.

"ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ހޯމް މިނިސްޓްރީ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އުސޫލެކެވެ. ގާނޫނުލްއުުގޫބާތު ބުނާގޮތުން ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ ބަދަލުގައި އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރަން ކުށްވެރިންގެ މައްޗަށް އެންގިދާނެއެވެ. ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަކީ އެކަމާއި ގުޅޭ ކަންކަން ބަޔާންކޮށްފައިވާ އުސޫލެކެވެ.

މިއުސޫލުގައިވާ ގޮތުން މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ސާފުކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެއެވެ. އަދި ގޭގެ އިން ކުނި އުކުމާއި މަގު ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއިި ދައުލަތުގެ އޮފީހެއް ނުވަތަ ކުންފުންޏަކަށް ވަކި މުއްދަތަކަށް ހިދުމަތް ކުރަން ވެސް އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މުޖްތަމައަށް ޚިދުމަތްކުރުމުގެ އަދަބު ތަންފީޛުކުރުމާއި ބެހޭގޮތުން، އެމްޓީސީސީގެ ބޭފުޅުންނާ މިއަދު މަޝްވަރާކޮށްފައިވާކަމަށެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން، ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.





ޤައިދީންނަށް ދޭ ޕެރޯލް ފުރުޞަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިތަކާ މަޝްވަރާކުރަމުންދާކަމަށްވެސް މީގެކުރިން ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.

ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގައިވާ ގޮތުން، ވަކި މަސައްކަތެއް ކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓުން އަމުރުކޮށްފިނަމަ، ހުކުމާ އެއްގޮތަށް ކުށްވެރިޔާ އަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން މޮނީޓާ ކުރަން ޖެހޭނެއެވެ. ކުށްވެރިން އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮޮބޭޝަންގެ އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ހިމަނާފައިވެއެވެ. އުޅޭ ނޫޅޭ ގޮތް ބެލުމުގެ އަދަބު ކަނޑައެޅުމުގައި، ވަކި މީހަކާ ބައްދަލު ނުކުރަން އެންގުމާއި ވަކި ތަނަކަށް ނުދާން އެންގުމާއި ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުންނަން އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ. އަދި ވަކި ބާވަތެއްގެ ވަޒީފާއެއް އަދާކުރަން ވެސް އަމުރު ކުރެވިދާނެއެވެ.

މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން ގޭ ބަންދުގައި ބައިތިއްބަން ހުކުމްކުރާ މީހުން ގޭގައި ތިބޭކަން ކަށަވަރު ކުރުމަށްޓަކައި ޓެގް އެޅުވުން ފަދަ ކަންކަން ވެސް ތަންފީޒީ އިދާރާތަކަށް ކުރެވިދާނެއެވެ. އަދި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ވެސް، އެ މީހެއްގެ މާލީ ފުދުންތެރި ކަމަށް ބެލުމަށާއި އަދި ބޮޑެތި ކުށްތައް ސާބިތުވާ މީހުންނަށް ޖޫރިމަނާ އަދަބު ކަނޑަނޭޅޭ ގޮތަށް ވެސް އެ އުސޫލުގައި ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު