އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެވޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެކަނި ސްކޫލްތަކަށް ވަދެވޭ ގޮތް ހެދުމަށް ނިންމީ، ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްކަމަށެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ.

އެޑިއުކޭޝަނުން ބުނީ ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޯވިޑް-19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށެވެ. އަދި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޯވިޑް ވެކްސިންގެ އެއްޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމަށެވެ. މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތްނަމަ، އެ ސަބަބު އަންގައިދޭ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، ސްކޫލްތަކަށް ނުކުތުމުގެ ކުރިން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭ ގޮތަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވެއެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު