އަހުމަދު މަސްނޫމް   1 އޯގަސްޓު 2021 - 23:11
ސުޕްރީމްކޯޓުގައި މާދަމާއަށް ތަވާލްކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފިއެވެ.

މިމައްސަލައަކީ ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައެވެ. ޕީޖީ އޮފީހުން ވަނީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެމައްސަލަ އެކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފައެވެ. އެއާއެކު ޕީޖީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ޕީޖީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފުރަތަމަ އޮތީ މާދަމާއަށް ތާވަލުކޮށްފައެވެ. ނަމަވެސް އެމައްސަލައިގެ އަޑުއެހުން އަންނަ ހަފްތާގެ ބުދަ ދުވަހަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ފަސްކޮށްފައެވެ. މާދަމާއަށް ތާވަލްކުރި މައްސަލަ ފަސްކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.

ޕީޖީން ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ޤާނޫނު ތަނެއް ނުދެއެވެ.

ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ ކްރިމިނަލް ކޯޓުން އޭނާ ފުރުމުގެ ހުއްދަ ދިނުމުންނެވެ. އަނެއްކޮޅުން އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ކަންކުރާ ގޮތުން ގިނަ ބަޔަކު ދަނީ ފާޑުވެސް ކިޔަމުންނެވެ. އެގޮތުން ޖިންސީ ގޯނާގެ މައްސަލަތައް މި ސަރުކާރުން އޮއްބާލަން އުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން