ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް، ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ ވަނީ އުފުލާފައެެވެ. އެދައުވާ އުފުލާފައިވަނީ ފުއްގިރި ދޫކުރުމަށް 1.1 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ގޮތުގައި ސަން ކޮންސްޓްރަކްޝަންއިން ނަންގަވައި، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާވާނެ ގޮތަށް ބެހެއްޓި ކަމަށް ބުނެއެެވެ.

އެހެން ނަމަވެސް އެ ދައުވާއަށް ރައީސް ޔާމިން ވަނީ އިންކާރު ކުރައްވާފައެވެ. އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިންގެ ވަކީލުން ވިދާޅުވީ އެމުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށާއި، ބޭންކް ރޭޓުގައި ޑޮލަރު ގަތުމަށް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަށް 17.2 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ. އަދި އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވެ އެކަން ސާބިތުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާއުގައި ޝަފަވީ ހެކިން ވެސް ހުށައަޅާފައެވެ.

އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްކަން ސާބިތުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހަންމަދާއި ޑޮލަރު ގަތުމަށް ސިޔާމާ ފައިސާ ހަވާލުކުރެއްވި ކަމަށް ބުނާ މީހަކާއި އެ މުއާމަލާތް ހިނގި އިރު ހެކިވެރިންގެ ގޮތުގައި ތިބި ކަމަށް ބުނާ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ގއ. ކޮލަމާފުށި ޝުއާއުﷲ ސައީދުގެ ނަން ވެސް ރައީސް ޔާމިންގެ ފަރާތްޕުޅުން ކޯޓަށް ވަނީ ހުށައަޅާފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މީހަކު މެދުވެރިކޮށް ރިޝްވަތު ހޯއްދެވި ކަމަށް ދައުލަތުން ބުނާ މއ. ކުރިކީލަހިޔާ ކްރިކް ރިޒާ ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުން ބުނާ ފަދަ އެއްވެސް މުއާމަލާތެއް ރައީސް ޔާމީނާއެކު ނުހިނގާކަން ސާބިތު ކުރަން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 86 ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ސަން ސިޔާމާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ދައުލަތުން ވަނީ ރައީސް ޔާމިނާއި ދެކޮޅަށް ހުށައަޅާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން