ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމިން ހާޒިރުކުރަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އުފަައްދާފައިވާ ކޮމިޝަނަށެވެ. ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. މަރު ކޮމިޝަނުން ބުނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނާ ސުވާލުކުރަން ބޭނުންވާތީ އެމަނިކުފާނަށް ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާނެ ކަމަށެވެ.

މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށާއި ދައުލަތުން ގެއްލުނު ފައިސާތައް ހޯދުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނެވެ. ނަމަވެސް އެ ދެ ކޮމިޝަނަށް މިހާތަނަށް އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާއިރު މަރު ކޮމިޝަނުގެ ޚަބަރެއް ނުވާތާ އެތަށް ދުވަހެއް ވަނީ ވެފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އެކޮމިޝަނާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެެ. ރައީސް ޔާމިން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން