މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރު ކުރަނީ ބިރުދައްކަން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ހާޒިރުވުމަށް ރައީސް އަބުދުﷲ ޔާމިން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހު މެންދުރު ފަހު 14:00 އަށެވެ. މަރު ކޮމިޝަނުން ބުނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނާ ސުވާލުކުރަން ބޭނުންވާތީ އެމަނިކުފާނަށް ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާނެ ކަމަށެވެ. އެކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ، ރައީސް ޔާމިނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމިނަށް ކުރާ ޖެއްސުމާއި ބިރު ދެއްކުން އިތުރުވަމުންދާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެެ.

"ރައީސް ޔާމިނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ކޮންމެ ކަމަކާއި ވެސް ކުރިމަތިލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު." ރައީސް ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބުދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމިން މަރު ކޮމިޝަނަށް ހާޒިރުވާން އެންގުމާއި ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ، މި ފެންނަނީ ސަރުކާރުން ނޭވާ ހޮޅިއަށް އެޅެމުންދާތަން ކަމަށެވެ. ސަރުކާރުން ކިތަންމެ ބިރެއް ދެއްކި ނަމަވެސް ރައީސް ޔާމިން ގައުމު ދޫކޮށް ނުފިއްލަވާނެ ކަމަށް ސަައީދު ވިދާޅުވިއެވެ.

"ރައީސް ޔާމިނަކީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާހާ ބިރަކަށް ގައުމު ދޫކޮށް ފިލަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަންވީ އިންތިޚާބުގައި ވޯޓްލާނީ ބޭރުގެ ރައްޔިތުން ނޫންކަން." ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމިން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ރައީސް ޔާމިންގެ މައްސަލަތަށް ކުއްލިއަކަށް މި ހިނގައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިންގެ ޕީޕިއެމާއެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން