ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ބައިބައިވެފައި އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށް ޖުމުހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ މީޑިޔާއަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުން ޖުމުހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތް ނަމަވެސް އެޕާޓީ ބައިބައިވެފައިނުވާ ކަމަށެވެ. އެމްޑީޕީ އަަށް އެއްވެސް ހާލަތެއް ދިމާވެފައިވާ ކަން ގަބޫލު ނުކުރައްވާ ކަމަށާއި، އެޕާޓީގެ މިސާލަކީ އަޑިނޭގޭ ފުން ކަނޑެއްގެ މިސާލު ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެެ. އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޕާޓީ ހިންގަވާނެ ގޮތާއި މަސައްކަތް ކުރައްވާނެ ގޮތް ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެ ގޮތް ވިދާޅުވެ ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ، އެމްޑީޕީ ލީޑަރޝިޕްގައި މިވަގުތު ޚިޔާލު ތަފާތުވުންތަށް ހުރި ނަމަވެސް 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންނަމަ ޖެހޭނީ އެކަތިގަނޑަކަށްވާން ކަމަށެވެ. މީގެ ކުރިން ވެސް ޚިޔާލު ތަފާތުވި ބޭފުޅުން ޕާޓީއާއި ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވޭތުވެ ދިޔަ ތާރިޚަށް ބަލާއިރު ދެގޮތެއްނުވެ އެެއްގޮތެއްގައި އޮތް ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެ ޖޭޕީގެ އިސް ތަރުޖަމާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައި އެޕާޓީގެ ވަރަށް ބޮޑު ސަޕޯޓަރެއްގެ ގޮތަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ބައިބައިވެ ނިކަމެތިވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ލޮޅުމެއް އަންނާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑަކަށް ތަސައްވަރެއް ނުކުރެވޭ އެކީ އެކައްޗަކަށް ޕާޓީ ރޫޅި ހަފުސްވެގެންދިޔައީ ކަމަށް. އެބޭފުޅުންގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދަައްކަވާތަން އަޅުގަނޑަށް ނުފެންނަނީ އެއް ނޫން. ރާއްޖޭގެ ކަންކަން ހިނގަމުން މިހިސާބަށް އަންނައިރު ދެގޮތެއް ނުވެ އެއްގޮތެއްގައި ތިބެވުނު ބަޔަކީ އެބޭފުޅުންކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ" ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރައީސް ނަޝީދު މިހާރު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ވެސް ކަނޑާލާފައިވާކަން އިޢުލާން ކުރަށްވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ނަފުރަތު ބިލަށް ސަރުކާރުން ތާއިދު ނުކުރާ ކަމަށް ބުނެ މިސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދަވާފާނެ ކަމުގެ އިޝާރަތެއް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. ރައީސް ނަޝީދު މިހާރު ވަނީ އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިނާއި ޕީޕީއެމާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން