ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންގެ ޔުނިފޯމްގައި ހަރުކުރަން 1400 ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުންކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

ފިނޭންސުން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 390،000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށެވެ.

ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ފުލުުހުން ކުރަމުންދާއިރު، މިފަދަ ކެމެރާ ބޭނުންކުރުމުގެ ޓްރައަލްތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީކުރިއަށްގެންގޮސްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރިން ވިދާޅުވީ ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަމަށެވެ.

ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފުލުހުން ވަނީ ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން