ހުސްވި ޖުލައިމަހު ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ޓުރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު ރާއްޖެއަށް 101،281 ފަތުރުވެރިން ވަނީ ޒިިޔާރަތްކޮށްފައެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި 1 މަހެއްގައި ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 2 ވަނަ މަސްކަންވެސް ފާހަގަކޮށްލެއެވެ. މިދިޔަ މާޗުމަހުވެސް ރާއްޖެއަށް 109،585 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޖުލައިމަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އެމަހުގެ 3 ވަނަ ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،102 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއްދުވަހެއްގެ ތެރޭގައި އެންމެގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމަހުގެ އެންމެ ފަހު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4972 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށެއްގެ އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 555494 ފަތުރުވެރިންނެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ފާއިތުވީ ދެމަސްދުވަހު ވަނީ ދަށްވެފައެވެ. އެގޮތުން އޭރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 2084 ފަތުރުވެރިންނެވެ. އަދި ޖޫންމަހު މިއަދަދު ހުރީ 1872 ގައެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޯވިޑް ހާލަތު ރަނގަޅުވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 140824 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 99643 ފަތުރުވެރިންވަނީ އައިސްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަރުމަންވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 33361 ފަތުރުވެރިންވަނީ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން