ދައުލަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބައެއް ކަމަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ނެރުއްވި ދެ ސާކިއުލާއެއްގައި ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަނީ ވެކްސިން ޖަހާފައިވާ މުވައްޒަފުންކަމަށް ހެދުމަށް އެދިވަޑައިގެންފައި ވެއެވެ. އެ ސާކިއުލާގައި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރަން ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އެ ސާކިއުލާގައިވެއެވެ.

މިމަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށް އަމާޒުކޮށް ސަރުކާރުން މިހާރު ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިނަށް އެއްބާރުލުންދީ ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ކެމްޕޭން ފެށި މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 3،331 މީހުން ވެކްސިން ފުރިހަމަކޮށްފައިވެއެވެ. މިހާތަނަށް 268،244 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ފަށައިފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން