ގާސިމް އިބްރާހީމް (ކ) ރައީސް ޞާލިހާއެކު
ގާސިމް އިބްރާހީމް (ކ) ރައީސް ޞާލިހާއެކު
މިވަގުތަކީ ތިމާގެ އަމިއްލަ އެދުންތައް ކުރިއަށްނެރެ ވެރިކަމާހެދި ކޯޅެންވީ ވަގުތެއް ނޫންކަމަށާއި ރައްޔިތުން ތިބީ އެއަށްވުރެ ނިކަމެތި ހާލެއްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެއް ޕާޓީން ވަކިވެ އެހެން ޕާޓީއެއް އުފައްދައިގެން 2023 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރާނެކަން އިޢުލާން ކޮށްފައިވާތީ އެކަމާއިމެދު ޖޭޕީއާއި ގާސިމް އިބްރާހީމްގެ ވިސްނުންފުޅަކީ ކޮބައިތޯ ދެންނެވުމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ސިޔާސީ ގޮތުން ފައިދާ ހޯދުމަށްވުރެ ގައުމާއި ރައްޔިތުން އިސްކޮށް ގައުމާއި ރައްޔިތުންގެ ހެވާއި ލާބަޔަށް ވިސްނާ ފިކުރެއް ކަމަށެވެ. އެގޮތުން ބަޔަކު ވެރިކަމަށް ގެނައުމަށް އެބަޔަކަށް އެހީތެރިވެ ވާގިވެރިވަނީވެސް އަދި ސަރުކާރާ ދެކޮޅަށް ބަސް ބުނަނީވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިސްނައިގެން ކަމަށް ގާސިމް އިބްރާހީމް ވިދާޅުވިއެވެ. އެހެންވީމާ ގިނަ ރައްޔިތުން ވަރަށް ނިކަމެތި ހިތްދަތި ހާލަތެއްގައި ތިއްބާ ތިމާމެންގެ ސިޔާސީ ފިކުރު އިސްކޮށް، ތިމާމެންގެ ސިޔާސީ ފައިދާއަށް ބަސްބުނެ ވާހަކަ ދެއްކުމަކީ ޖުމްހޫރީ ޕާޓީގެ، އަދި ގާސިމް އިބްރާހީމްގެ ފިކުރާއި، އަދި ގަބޫލުކުރާ ގޮތް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޯވިޑްގެ އާލަމީ ވަބާގެ ދަތި ހާލުގައި ރައްޔިތުން ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރިއިރު، ގިނަ ރައްޔިތުން މިތިބީ ވަރަށް ނިކަމެތި، ހިތްދަތި ހާލެއްގައި. އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓި އާމްދަނީ ހުއްޓުމުން ބިކަވެފަ. ވަރަށް ފޮނި އުއްމީދުގައި މާލެއަށް އައިސް ދަރިންނަށް ތަޢުލީމު ދީ ރަނގަޅު ވަޒީފާގެ ބޭނުމުގައި އައިސް ތިބި އަތޮޅުތަކުގެ އެތައް ބައަކު އެވަނީ ވަޒީފާ ގެއްލިގެން ލިބޭ އާމްދަނީ ކުޑަވެގެން ކުލި ނުދެއްކިގެން ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސިގެން އެނބުރި ރަށަށް ބަދަލުވެފަ. އެމީހުން އެދިޔައީ އެއްގޮތަކަށް ވެސް އުފަލަކުން ދާހިތަކުން ނޫން. މިފަދަ ނިކަމެތި ހާލެއްގައި ރައްޔިތުން މިއަދު ތިއްބާ އަޅުގަނޑުމެން ނުކުމެ އަމިއްލަ މަންފާއާއި އަމިއްލަ ސިޔާސީ ފައިދާއަށް ސިޔާސީ ވާހަކަ ދައްކައި ވެރިކަމުގެ ވާދަވެރި ކަމުގައި ޒުވާބުކޮށް ބައިބައިވެ ދިއުމަކީ ހަމަ ކަށަވަރުންވެސް އެރައްޔިތުންނާއި އަދި ގައުމާމެދު ވިސްނާ ބަޔަކު ކުރާނެ ކަމެއްނޫނެ." ކޯވިޑާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިޞާދީ ދަތިކަން އެންމެ ބޮޑަށް ތަހައްމަލު ކުރަން ޖެހިފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިވަގުތަކީ ސަރުކާރަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެހީތެރިކަން ދީގެން މި ދަތި ހާލަތުން އަރައިގަނެވޭތޯ އެންމެން އަތުކުރި އޮޅާލަންވީ ވަގުތު ކަމަށެވެ. މިފަދަ ހައްސާސް ވަގުތެއްގައި ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ނުކުމެ، 2023 ގެ ރިޔާސީ ރޭހުގައި ކުރި ހޯދައި ވެރިކަން ހޯދުމުގެ ނިޔަތުގައި ސަރުކާރު ބަލިކޮށްލައި މިދަނޑިވަޅުގައި ސަރުކާރުން އަޅަމުން ގެންދާ އުނދަގޫ ފިޔަވަޅުތައް އެޅުމަށް އިތުރަށް ދަތިކޮށް ރައްޔިތުން ބައިބައި ކުރުމަށް ނުކުމެ މަސައްކަތް ކުރުމަކީ ޖޭޕީގެ ވިސްނުމެއް ނޫން ކަމުގައި ގާސިމް ވިދާޅުވިއެވެ.

"މިއީ ސަރުކާރަށް ވަރަށް ދަތި އުނދަގޫ ހާލަތެއް. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ސަރުކާރަށް އެއްބާރުލުން ދީގެން ރައީސް ޞާލިޙަށް ވެވެން އޮތް އެހީތެރިކަމެއް ވެދީގެން ރައްޔިތުން މިހާރު ތިބި ހާލަތުން މިންޖު ކޮށްދިނުމުގައި ވެވެން އޮތް އެހީތެރިކަމެއް ވެދެވޭތޯ. ކޯލިޝަން ބަލިކޮށްލައި ސަރުކާރު ބަލިކޮށްލައި ކޯލިޝަން ރޫޅާލައި ރައީސް ޞާލިހު ބަލިކޮށްލާން މަސައްކަތް ކުރެވޭނެ ޖޭޕީއަށްވެސް. އަޅުގަނޑުމެން މަޑުމަޑުން މިތިބީ އެކަން ނުކުރެވިގެނެއްނޫން. އެކަން ކުރާން ނުކުރިގެން ބަޔަކު ދެކެ ބިރަކުން ލިބޭ އެއްޗެއްގެ ބޮޑު ކަމަކުންވެސް ނޫނެ. ޖޭޕީއަކީ މާޒީގައި އެކަން އެންމެ ބޮޑަށް ސާބިތުކޮށްދީފައިވާ ޕާޓީ. ޖޭޕީއާއި ނުލައި މިހާތަނަށް އިދިކޮޅުގައި ތިބި ބަޔަކަށް ވެރިކަމަކަށް އާދެވިފައެއް ނޯންނާނެ. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ." ޖޭޕީއާއި ގާސިމްގެ ފިކުރު "ރަސް އޮންލައިން" އާއި ހިއްސާ ކުރަށްވަމުން ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ގައުމާއި ރައްޔިތުންގެ ލާބައާ މަންފާއަށް ވިސްނުން ބަހައްޓަވައިގެން ސިޔާސީ މަސައްކަތް ކުރަށްވާ ބޭފުޅެއް ކަމަށެވެ. އަދި މާތްވެގެންވަ އިސްލާމް ދީނަށާއި ގައުމާއި ގައުމުގެ މިނިވަންކަމާއި ރައްޔިތުންނަށް ގެއްލުންވާނެ އަދި އުނިކަން ލިބޭފަދަ އެއްވެސް ކަމެއްގައި ޖޭޕީން ވެސް އަދި ގާސިމް އިބްރާހީމްވެސް ވާގިވެރި ނުވާނެ ކަމަށެވެ.

މިއަދު މިފެންނަނީ ރައީސް ޞާލިހު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ތެރެއިން އެމަނިކުފާނާ ދެކޮޅަށް ޕާޓީގެ އެންމެ އިސް ލީޑަރޝިޕުން ނުކުންނަވައިގެން އެމަނިކުފާނު ބަލިކޮށްލުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިހާތަނަށް ސިޔާސީ ގޮތުންވެސް ރައްޔިތުންގެ ހައްގުގައިވެސް ބަހެއް ނުކިޔައި ހަނުތިބި ބަޔަކު ކުއްލިއަކަށް ނުކުމެ އެމީހުންގެ އަމިއްލަ ސިޔާސީ ފިކުރު ވިއްކައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަން ހޯދަން އުޅޭ މަންޒަރު ފެނުމުން ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

"ބަޔަކަށް މިގަބޫލުކުރެވެނީ އެމީހުންނަށް ނޫނީ އޭނާއަށް ވެރިކަން ލިބޭނީ މިސަރުކާރު ބަލިކޮށްލުމުން ކަމަށް. ރައީސް ޞާލިހާ ދެކޮޅަށް ނުކުމެ އެމަނިކުފާނުގެ އަގު ވައްޓާލައިގެން ކަމަށް. ސަރުކާރަށް ދަތިކޮށްގެން، ހަޅޭއްލަވައިގެން ކަމަށް. އެއީ މިދަނޑިވަޅުގައި ބަލައިގަނެވޭނެ ކަމެއް ނޫން." އާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގައި އޮތް ނަމަވެސް އަދި ރައީސް ޞާލިހަށް އެއްބާރުލުން ދީގެން ތިބި ނަމަވެސް ޖޭޕީއަކީ ސިޔާސީ ވިސްނުމާއި ފިކުރެއް އޮތް ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައި އޮތް ޕާޓީއެއް ކަމަށް ގާސިމު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް އެޕާޓީން އޮންނާނީ އެކަން ހާމަކޮށްދީފައި ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ޖޭޕީގެ ސިޔާސީ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ހާއްޞަ ހަރަކާތެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

"ޖޭޕީއަކީ ސަރުކާރު ކޯލިޝަންގައި އޮތަސް އަދި މިސަރުކާ ގެންނަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ޕާޓީއަކަށް ވިޔަސް، އަޅުގަނޑުމެންނަނީ ސަރުކާރުން ލިބޭ ބައި ކުޑަވެގެން ޕާޓީއަށް ލިބިފައިވާ ސްލޮޓްތަކެއް ނުވަތަ ބާރުތަކެއް ގެއްލިގެން ސަރުކާރާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ތެދުވެ ބަސްބުނާނެ ޕާޓީއެއް ނޫންކަން ރައްޔިތުންނަށް މިހާރު ވެސް ގަބޫލުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ދިނުމުގައި އެހީތެރިވެދީގެން ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދީގެން މަސައްކަތް ކުރަން. އިސްލާމް ދީނާއި ގައުމާ ރައްޔިތުންނަށް ގެއްލުންވާ ކަމެއްގައި އަޅުގަނޑުމެން ބަސްބުނާނެކަން މިހާރުވެސް އޮންނާނީ ސާބިތުކޮށްދީފައި." ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޖޭޕީގެ ޓިކެޓްގައި ޖޭޕީގެ މެންބަރުންގެ ތާއީދާއެކު 2019 ވަނަ އަހަރު މަޖިލީހަށް ވެދެވަޑައިގެންނެވި ބައެއް މެނެބަރުން ޖޭޕީން ވަކިވެ ވަޑައިގެން އައުޕާޓީއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް ތަކާއި ގުޅިގެން ޖޭޕީއަށް އަމާޒުވާ ފާޑުކިއުންތަކާއި ގުޅިގެން ގާސިމް ވިދާޅުވީ ޕާޓީގެ ތާއީދާއި މަސައްކަތާއި، ހޭދަކޮށްގެން މަޖިލިސް ގޮނޑި ލިބިވަޑައިގެންނެވި ބައެއް ބޭފުޅުން ޕާޓީ ދޫކުރަށްވައި ވަޑައިގެންނެވުމަކީ ވަރަށް ވެސް ހުތުރު އަދި ސިޔާސީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އެފަދަ ބޭފުޅުން ގައުމަށް ހެއު އެދިގެން، ރައީސް ޞާލިޙާއި ސަރުކާރަށް ހެއުއެދިގެން ކަމެއް ކުރަން އުޅެފާނެ ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

"ޖޭޕީން ދެތިން މީހުން ނުކުމެ ޕާޓީއެއް ހެދުމަކީ ކަންބޮޑުވާ ކަމެއްނޫން. އެހެން ނަމަވެސް އެމީހުންގެ އިހުލާސްތެރިކަމާއިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ދެއްތޯ؟ ޖޭޕީގެ މަސައްކަތުން މަޖިލީހަށް ވަދެވުނީމަ ހަމަ ކުއްލިއަކަށް ފިޔަފަޅައިގެން އުދުހިގަންނަން އުޅުނަސް އެއީކީ އަދި ދުރުރާސްތާގެ އުދުހުމަކަށް ނުވާނެ. އަޅުގަނޑުވެސް ޕާޓީވެސް އެކަމާ ކަންބޮޑެއް ނުވޭ. އެކަމަކު މައްސަލައަކީ ބަޔަކު މީހުން ރައީސް ޞާލިހު ބްލެސިންއާއެކު ހަދާ ޕާޓީއެކޭ ބުނެ އޮޅޭ ގޮތަށް ވާހަކަ ދައްކައިގެން ޕާޓީއަށް މެންބަރުން ގެންދަން މަސައްކަތް ކުރަމުން ގެންދާކަން. ޖޭޕީގެ ބައެއް މެންބަރުންނާވެސް މިމޭރުމުން ވާހަކަ ދައްކާ ކަމަށްވޭ." ޖޭޕީން ވަކިވެ ވަޑައިގެންނެވި މަޖިލީހުގެ ދެމެންބަރުންނަށް ފާޑު ވިދާޅުވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ގާސިމް ވިދާޅުވީ ޖޭޕީގެ ހަރަކާތެއް ނެތްކަމަށް ބަޔަކު ދެކެނީ ސަރުކާރާ ތޮޅޭ ބަޔަކަށް މިވަގުތު ޖެޕީ ނުވާތީ ކަމަށްވަންޏާ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ޖޭޕީއަކީ އެއްވެސް އިރެއްގައި ހަމައެއް އުސޫލެއް ނެތި ސިޔާސީ ނިންމުތަކާއި ސިޔާސީ ހަރަކާތް ކުރިއަށް ގެންދާ ޕާޓީއެއް ނޫންކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އަދި މިވަގުތު ގައުމު މިއޮތީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިކޮށް ފިތުނައަށް މަގުފަހިވާ ކަންކަމަށް އެންމެ ރަނގަޅު ހާލަތެއްގައި ނޫންކަމަށް ވެސް ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ގާސިމް ވިދާޅުވީ މިމަހުގެ ކުރީކޮޅު ފަށާ ޖޭޕީގެ ސިޔާސީ ހަރަކާތްތަކާއެކު ޕާޓީގެ ބައެއް ނިންމުންތައް ހާމަވެގެން ދާނެކަމަށެވެ. އެއާއެކު ހުއްޓުމެއްނެތި ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ގާސިމް ވިދާޅުވީ މިއަދުވެސް ޖޭޕީ ކޯލިޝަންގައި ދެމިއޮތީއަކީ ކޮންމެހެން އެއްބަސްވުމާއި އެއްގޮތަށް ކޯލިޝަނުން ލިބެންވާ މިންވަރު ލިބިގެން ނޫންކަމަށާއި އަދި ޕާޓީއަށް މާބޮޑު ފައިދާތަކެއް ވެސް މޮޅެއްވެސް ލިބޭތީއަކީ ނޫންކަމަށެވެ. ޖޭޕީ ކޯލިޝަންގައި ދެމި އޮތީ ގައުމީ މަސްލަހަތު އިސްކުރާތީ ކަމުގައި ގާސިމް އިބްރާހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަބޫމުޙައްމަދު

12-Aug-2021

ނަޝީދުގެ ސަރުކާރާއި ޔާމީންގެ ސަރުކާރާއި މައުމޫނުގެ ސަރުކާރާ ދެކޮޅަށް ނުކުތީ އމޞ ފަދައިން ޚިޔާނާތާއި ކޮރަޕްޝަންގެ ތެރެއިން ފައިދާ ހޯދުމުގެ ފުރުޝަތު ނުދިނީމާކަން ނޭނގެނީ ކާކަށް. ތިޔަ އުޅުއްވަނީ ކާކަށް އޮޅުވައިލައްވާންތޯ? ޤައުމު ދެކެ ކިރިޔާ ވެސް ކުލުނެއް ހުރި ނަމަ, މުޅި ރާއްޖެ އިންޑިއާގެ ދަށަށް ގެންދިޔަިރު ޗުއްޕު ވެސް ވިދާޅުވީސް



ޓްރެންޑިން