"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ ޤައުމީ ކެމްޕެއިނާއި ގުޅުމުގެ ފުރުސަތު 4 ޕާޓީއަކަށް ރަސްމީކޮށް ފޮނުވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމުން ލޯންޗުކުރި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިނަކީ ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފެށި ކެމްޕެއިނެކެވެ.

ޕީޕީއެމުން ބުނީ، ‏ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ފޮނުވާފައިވާކަމަށެވެ.

ކެމްޕެއިން ލޯންޗުކުރި ރޭވެސް ޕީޕީއެމުން ވަނީ އެ ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތަކަށް އަރުވާފައެވެ. ނަމަވެސް މިއީ ރަސްމީކޮށް އެކަން ހުށަހެޅި ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތަކަކަށް ޕީޕީއެމްގެ ގައުމީ ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ދީފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕީޕީއެމާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ނަމަވެސް ޕީޕީއެމުން އެކަމަށް ތަކުރާރުކޮށް ދަނީ ނޫނެކޭ ބުނަމުންނެވެ. މިކަމުގައި ބައެއް ފަހަރު ޕީޕީއެމްގެ އިސް މެމްބަރުންގެ ވާހަކަފުޅުތައް އެއްގޮތް ނޫންކަން ފާހަގަވެއެވެ. މިގޮތުން ޕީޕީއެމްގެ ގައުމީ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ރައީސް ނަޝީދަށް އޮތްކަމަށް ދޭހަވާ ގޮތަށް ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވާހަކަދައްކަވާފައެވެ.

"ކެނެރީގޭ މުޙައްމަދު ނަޝީދަށްވެސް ދަންނަވާލަން ބޭނުންވަނީ ހަމަ މިހަރަކާތަށް ނިކުމެ ވަޑައިގަންނަވާށޭ." ކެމްޕެއިން ލޯންޗުކުރި ރޭ އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް ހަމަ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ޤައުމުގެ ޣައްދާރުންނާއެކު މަސައްކަތް ކުރާނެ ގޮތެއް ނުވިސްނޭ ކަމަށްބުނެ އަދުރޭއަށް ރައްދު ދެއްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާރު ސަރުކާރުގައި ތިބި މީހުންނަކީ ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރި ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އަތުން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި، ޤައުމު ވިއްކާލައި ޣައްދާރުވެފައިވާ ބަޔަކާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން