"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ ޤައުމީ ކެމްޕެއިނާއި ގުޅުމަށް ފޮނުވާފައިވާ ދައުވަތާއި މެދު މަޝްވަރާ ކުރަމުންދާކަމަށް އެމްއާރުއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވުމުގެ ދައުވަތު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމަށް ރަސްމީކޮށް ފޮނުވީ އިއްޔެއެވެ. އެމްއާރުއެމްގެ އިތުރުން، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއަށްވެސް ޕީޕީއެމުން ދައުވަތު ފޮނުވިއެވެ. ނަމަވެސް ޖޭޕީއާއި އަދާލަތުން ވަނީ އެ ދައުވަތަށް ނޫނެކޭ ބުނެފައެވެ.

ނަމަވެސް އެމްއާރުއެމުން އެކަމާއިމެދު އަދި ގޮތެއް ނުނިންމާކަމަށް އެ ޕާޓީން ބުނެއެވެ. އަދި ދައުވަތު ލިބުނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި، ޕާޓީގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމުގައި ގޮތެއް ނިންމާނެކަމަށް އެމްއާރުއެމުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމުން ލޯންޗުކުރި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިނަކީ ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފެށި ކެމްޕެއިނެކެވެ.

އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތަކަކަށް ޕީޕީއެމްގެ ގައުމީ ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ދީފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް ޕީޕީއެމުން އެކަމަށް ތަކުރާރުކޮށް ދަނީ ނޫނެކޭ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން