ރިޔާސީ ކޮމިޝަނުން ތަހުގީގްކުރަމުންދާ މަރުތަކުގެ މައްސަލަތަކާއި ރައީސް ޔާމީނާއި ގުޅުމެއް ނެތްކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ނޫސްވެރިޔާ ރިޟުވާންގެ މަރުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީން މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރުމަށް ނިންމާފައިވަނިކޮށެެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނާ މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ތަޙުޤީޤުތަކުން އެނގޭކަމަށް މަރު ކޮމިޝަނުން މީގެ ކުރިން އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އިޢުލާންކޮށްފައިވާކަމަށެވެ. އަދި ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެންނުވާނެކަމަށާއި، ރައީސް ޔާމީނާ ޒާތީ ގޮތުން ދިމާކޮށް ޖެއްސުންކުރުމަކީ ދެރަވަރު ކަމެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



މަރުކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވަނީ މ. ޝައިނިން ސްޓަރ އަހުމަދު ރިޟުވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މަރު ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުންނެވިއިރު، އެކުލަވާލި ރިޕޯޓްތަކުގައިވެސް ރައީސް ޔާމީނާއި މަރުތަކާއި ގުޅުމެއް އޮތް ވާހަކައެއް ނެތެވެ. ބައެއް މަރުތަކާއި ރައީސް ޔާމީނާ ގުޅުވައިގެން ވާހަކަ ދެއްކިނަމަވެސް އެފަދަ ހެއްކެއް ނެތްކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިޔާ ރިޟުވާން ގެއްލުވަލި ހާދިސާއާއި ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ ހާދިސާ ހިންގާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން