ލ. ގަން ދުންފިނިއުފާ އަޙްމަދު ފާތިޙް
ލ. ގަން ދުންފިނިއުފާ އަޙްމަދު ފާތިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން، ހައްޔަރުކުރި ލ. ގަން ދުންފިނި އުފާ އަޙްމަދު ފާތިޙަށް ދަޢުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ނިންމަވައިފިއެވެ.

ޝަމީމް ވިދާޅުވީ، ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފާތިހަށް ދައުވާކުރެވޭ ވަރަށް އަދި ހެކި ލިބިފައި ނުވާކަމަށެވެ. އޭނާ އަކީ ހަމަލާގެ ބައިވެރިޔަކު އެހެން ތަނަކަށް ގެންގޮސްދިނުގައި އުޅެފައިވާ މީހެކެވެ. އުމުރުން 23 އަހަރުގެ ލ. ގަމަށް ނިސްބަތްވާ ފާތިހު ހައްޔަރުކޮށްފައިވަނީ މޭ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫއިންނެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ދަޢުވާ އުފުލާފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައިވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ނިންމާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތަހުމީންގެ މައްޗަށް 4 ދައުވާ ކުރަން ނިންމާފައިވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ނިންމާފައިވާކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާތިހު ވަނީ މި ހަމަލާ ދިނުމުގައި ބޭނުންކުރި ސައިކަލު ނީލޯފަރު ހިނގުމުގެ ކަންމަތީގައި ބެހެއްޓިއިރު ފާރަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި ހަމަލާ ދިނުމަށްފަހު މީހުން ތަންތަނަށް ގެންގޮސްދިނުމުގައިވެސް ވަނީ ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނިގޮތުގައި އޭނާ ވަނީ މީގެކުރިން ފުލުހުންގެ އިންޓެލިޖެންސްގައިވެސް ވަޒީފާ އަދާކޮށްފައެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން