އެމްޑީޕީ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ހަނުހުންނެވުމަކީ ގޯހެއް ކަމަށާއި، އެމަނިކުފާނު މިހާރަށް ވުރެ ބޮޑަށް ޕާޓީގެ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެން ބަސްވިދާޅުވާން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ރައީސް ޞާލިހާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރައީސް ނަޝީދު މިހާރު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ވެސް ކަނޑާލާފައިވާކަން އިޢުލާން ކުރަށްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ދެ ފެކްޝަނަށް ބެހި ޕާޓީގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެމްޑީޕީގެ ބައެއް ގުނަންތަކުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ތާއިދުކޮށް ސަރުކާރާ ދެކޮޅަށް ބަޔާންތަށް ނެރެމުންދާއިރު މިހާތަނަށް އެކަމުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

ރާއްޖޭގެ މީޑިޔާ އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ ގައުމުގެ ހާލަތު ދާގޮތާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ އުފެދިފައިވާ ސުވާލުތަކާއި ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކާއި އެމްޑީޕީގެ އާންމު މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ޕާޓީ ބައިބައިވެގެން ދިޔުމުގެ ގެއްލުން ތަކަށް ރިއާޔަތްކޮށް އެމްޑީޕީގެ ކަންކަން ރަނގަޅު ކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިހާރަށްވުރެ ހަރަކާތްތެރި އިސްރޯލެއް އަދާކުރައްވަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިއްމުތަކަށް ބަލާއިރު ރައީސް އިބްރާހިމް މުހަންމަދު ސޯލިހަކީ ޕާޓީގެ އެންމެ އިސް ލީޑަރު ކަމަށެވެ. އަަދި ޕާޓީގެ ކަންކަން ރަނގަޅު ކުރުމާއި ޕާޓީ ނަގަހައްޓައި ދެމެހެއްޓުމުގެ ގާނޫނީ މަސްއޫލިއްޔަތު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައި އެބައޮތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެއްވެސް ކޮމެޓީއަކާވެސް ރައީސް މިހާތަނަށް ބައްދަލު ކުރައްވާފައިނުވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެެވެ.

"އެދައުރު ރައީސް ސޯލިހު އަދާނުކުރައްވާ ކަމަށް ވައްޏާ އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި އެމަނިކުފާނުގެ ވެސް މައްސަލައެއް. ރައީސް ނަޝީދު ބޭނުންފުޅުވަނީ ހަމައެކަނި ވެރިކަން. ބޮޑުވަޒީރު ކަމަށް ދައުވާކޮށް އެކަން ހާސިލް ނުކުރެވުނު ހިސާބުން ހަމަ ފާޅުގައި ވެސް އެމަނިކުފާނު ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދެއްވަން ބޭނުންފުޅުނުވާ ކަމާއި ސަރުކާރާއި އެކީގައި ސިޔާސީ ކަންކަން ކުރިއަށް ގެންދަން ނެތް ވާހަކަ އާއި އިދިކޮޅު ރައީސް އަބުދުﷲ ޔާމިނާއެކު މަސައްކަތް ކުރަން ބޭނުންވާ ވާހަކައާއި މިކަހަލަ ގޮތަކަށް ނޫންތޯ އެމަނިކުފާނުގެ ބަސްމަގު މިހުރީ. މިއީ ވަރަށް ދެރަވަރުގެ ކަމެއް." ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި ޕާޓީ ބައިބައިވީ ޚުދުމުހުތާރުކަމާއި އަމިއްލަ އެދުން ބޮޑުވުމުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަމިއްލަ އެދުން ބޮޑު ކަމަށާއި، ޕާޓީ ދެ ފެކްޝަނަށް ބެހިގެން ދިއުމުގައި ރައީސް ސޯލިހުގެ ޒިންމާ ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެެ. އަދި ރައީސް ސޯލިހު ވަރަށް ލޮނު މަޑު ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވިއެވެ. މީގެ އިތުރުން ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު އިލްމީ ބަހުސްކޮށް ރައްޔިތުން ހޭލުންތެރިކުރުމާއި ދަރިވަރުންނަށް އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އެކުދިން ހޭލުންތެރިކުރަންޖެހޭ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހުޅުދޫ މީހާ

12-Aug-2021

ދަތުގެ ޑޮކްތަރު ޑީޑި އަކީ މިހާރު އެމްޑީޕީ މީހެއްނޫން! އެކން އާއްމު މެމަބަރުން ބަލެއް ނުގަނޭ! ދެން އެމްޑީޕީގެ ވާހަކަ ދެއްކުން ހުއްޓާލާ! ޖޭޕީގެ ވާހަކަ ދައްކާ!



ޓްރެންޑިން