ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހަންމަދު ސޯލިހަކީ އޭނާގެ ހަޔާތުގައި ފެނިވަޑައިގެންނެވި އެންމެ ކެއްތެރި، އޯގާތެރި، އަދި ހިކުމަތްތެރި ރައީސް ކަމަށް ވިދާޅުވެ ރައީސް ޞާލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެެވެ.

"ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، އޭނާގެ ހަޔާތުގައި ފެނިވަޑައިފަޑައިގެންނެވި އެންމެ ކެއްތެރި އޯގާތެރި ހިކުމަތްތެރި ރައީސަކީ ރައީސް ސޯލިހު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގައި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށް ޑރ. އިޔާޒް ވިދާޅުވިއެެވެ. ޖުމުލަކޮށް ބަލާނަމަ މި ސަރުކާރު ވަރަށް ރަނގަޅު ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކަށް ވަރަށް ބޮޑަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށްވެސް މަސައްކަތް ކުރެއްވި ޑރ. އިޔާޒް ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ތަފާތު ވެރިއެއް ކަމަށާއި، ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރު ވެސް ކޯލިޝަން ދެމިއޮތުމަކީ އޭނާ އެގޮތަށް ވިދާޅުވާ އެއް ސަބަބު ކަމުގައި ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރެއް ވެސް އަންނަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ހިސާބުން އެކަން ހަނދާން ނައްތާލައި، ސަރުކާރަށް ނިސްބަތްވާ މައި ޕާޓީގެ މެމްބަރުން ފިޔަވައި އެހެން މީހުން ސަރުކާރުން ބޭރުކޮށްލާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެެ.

"އެހެން ޕާޓީއެއްގެ ބޭފުޅަކު ސަރުކާރުގައި ދެމި ހުންނަން ބޭނުންނަމަ ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރަން މަޖުބޫރުކުރުވާ. ނަމަވެސް ރައީސް ސޯލިހު ފެނިފައިވަނީ ވަރަށް ތަފާތު ވެރިއެއްގެ ގޮތުގައި. ހުވާކުރެއްވުމަށްފަހު ގައުމާ މުޚާތަބުކުރައްވަމުން ވެސް ވިދާޅުވީ ތިމަން މަނިކުފާނު ހޮވުނީ ކޯލިޝަނަކުންކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާނުލާނަމޭ. ސަރުކާރަށް ތިން އަހަރުވީ އިރު ވެސް މާތް ﷲގެ ރަހުމަތުން ކޯލިޝަން އެބައޮތް." ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށާއި، ވަކި ޕާޓީއެއްގެ މެމްބަރަކަށްވުމުން ސަރުކާރުން ތަފާތުކުރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރަށް ނުރަނގަޅު ކަމެއް ކުރެވިއްޖެނަމަ އެކަން ފާހަގަކުރެވުމުން އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

" މިސާލަކަށް ނަފުރަތުގެ ބިލް، އޭގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ގަބޫލުކުރައްވާ އެކަމަށް މަސައްކަތް ކުރައްވާ." އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެން ކުރިމަތިވި ދަތި އުނދަގޫ ހާލަތުގައި އެއްވެސް ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށާއި، އެ މުވައްޒަފުން ގޭގައި ތިބިއިރު މަހުން މަހަށް މުސާރަ ދީފައިވާ ކަމަށެވެ.

"ރައީސް ޔާމިން ހާވާފައި ހުރި ހަޑިތަކުގެ ސަބަބުން ގިނަ ބަޔަކަށް މާލީ ގޮތުން ދޭންޖެހުނު ބަދަލުތައް އައީ ދެއްވަމުން." އެކި ފަރާތްތަކަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިން ފައިސާއަށް އިޝާރަތް ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ާއަހުމަދު

12-Aug-2021

މިއީ އަމިއްލަ އެދުމުން ފޯވެފައި ހުރި ގަމާރު ޝައިޚެއް!


8

އައި

12-Aug-2021

ކޮބާ އެމް ޑީ އެން



ޓްރެންޑިން