ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ކެބިނެޓު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ގެނައުމުގައި މިހާރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. މީގެއިތުރުން ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން