ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ޖަލަށްލައިގެން މައްސަލަ ހައްލުނުވާނެ ކަމަށާއި، މީހުން ޖަލަށްލައިގެން އެމައްސަލަ ހައްލުވާނަމަ އެކަން މިހާރު އޮންނާނީ ހައްލުވެފައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އޭގެ މާނައަކީ ހަރުކަށި ފިކުރުގެ މީހުން 1600 އެއްހާ މީހުން ޖަލަށްލުން ނޫން ކަމަށާއި، އެމީހުން ޖަލަށް ލައިގެންއެކަނި މައްސަލަ ހައްލުނުވާނެ ކަމަށް، ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި މީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓާ ސަބަބު ކޯޓުގައި ހާމަކޮށްދޭންޖެހޭއިރު، މީހެއްގެ ވިސްނުން ވަކިގޮތަކަށް ހުރުމަކީ އެމީހަކު ހައްޔަރު ކުރެވޭނެ ކަމަކަށް ނުވެދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ޖަލު ނޫން އެހެން ހައްލެއް ހޯދައިގެން ކަމަށް ޝަމީމް ވިދާޅުވިއެވެެ.

"ކޮންމެ ކަމަކީ މީހުންނަށް އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން. ހަރުކަށި ފިކުރުގެ ކަންތައްތަކަކީ އަޅުގަނޑުމެން މީހުން ޖަލަށް ލައިގެން ހައްލުވާ ކަމެއް ކަމަށް ވާނަމަ ހައްލު ކުރެވުނީސް މީގެ ކުރިން ވެސް. މަސްތުވާތަކެތީގެ މައްސަލަ ހައްލުވަނީ މީހުން ޖަލަށް ލައިގެން ކަމަށްވާނަ އަޅުގަނޑުމެން އެކަން ހައްލު ކޮށްފީމުސް މިހާރު، އެކަަމު ހައްލެއް ނުވޭ. ކްރިމިނަލް ޖަސްޓިސް ސިސްޓަމް ނުވަތަ ޖަލަށް ލުމަކީ ކޮންމެ ކަމަކަށް ހައްލެއް ނޫން. އެކަން އަޅުގަނޑުމެން ގަބޫލުކޮށްފައި އެހެން ފިޔަވަޅެއް، އެހެން ހައްލެއް އެކަމަށް ހޯދަންވީ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ، ފިކުރު ތަފާތުވެގެން ނުވަތަ އެ ނޫން ސަބަބަކާއި ހުރެ ކުށެއް ކޮށްފިނަމަ ޖިނާއީ އަދުލްގެ ނިޒާމް އެމީހެއްގެ މައްޗަށް ހިންގަންޖެހޭނެ ކަމަށެވެ. އަދި ކުށްކުރުމުން އެމީހަކާއި މެދު ފިޔަވަޅު އަޅައި އަދަބު ދޭންޖެހޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު މީހުންގެ ނުރައްކާ ބޮޑުވެފައިވާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އެފަދަ މީހުން ހިފާ ހައްޔަރުކުރުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން