އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާތަނަށް 84 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އޯގަސްޓްމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިންތިޤާލީ އިންސާފުގެ އޮފީހަށް ޖުމުލަ 84 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި އެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތައްކަމަށާއި އެގޮތުން އެފަދަ 78 މައްސަލައަކާއި ޖިނާއީ މައްސަލައިގެ ގޮތުގައި 6 މައްސަލައެއް ހުށައަޅާފައިވާކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.



މީގެއިތުރުން އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަލައެއް ތަޙްޤީގުކުރަން ނިންމާފައިވާކަމަށާއި، އިތުރު މައްސަލަތައްވެސް ތަޙްޤީގުކުރަން ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން