ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ ތައުބާވާން ގޮވާލައިގެން ސަސްޕެންޑްކޮށްފައި ހުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފިއެވެ.

ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް މިދިޔަ މޭމަހު ސަސްޕެންޑްކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައި ވާތީ އެއީ "ސިކު" މީހުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ބުނުމުން، އެކަމަށް ފާޑު ކިޔައިގެންނެވެ.





ވައްޑެއަށް އިޝާރާތްކޮށް އަސްރަފު ކުރި ޕޯސްޓެއްގައި ބުނީ، މަރަަށް މަރު ހިފުމަކީ ވަރަށް "ސިކު" ކަމެއް ކަމަށް ސިފަކޮށް ވަހީދު ދެއްކެވި ހަރުކަށި ވާހަކަތަކާއި ގުޅިގެން އޭނާ ތައުބާވާން ޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ މަރުގެ ހުކުމް ގާއިމުކުރަން ޖެހޭ ކަމަށް އަޝްރަފް ކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އެއީ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ކުރި ޕޯސްޓެއް ނަމަވެސް އާންމުންގެ ސަމާލު ކަމަށް މެމްބަރު ވައްޑެ އެކަން ގެންނެވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ފަހުންނެވެ.

އެމައްސަލަ އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑުކޮށްލުމުން، އެޑިއުކޭޝަނުން ވަނީ މިދިޔަ މޭމަހު އަޝްރަފް މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އަދި އެއަށްފަހު މިއަދު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް އަސްރަފް ވަނީ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައެވެ.

އަޝްރަފް ބުނީ އޭނާއާމެދު ފިޔަވަޅު އެޅީ ތުހުމަތު ސާބިތުވެގެން ނޫން ކަމަށާ އެއީ ސަރުކާރުން ޒާތީގޮތުން ދިން އަނިޔާއެއް ކަމަށެވެ.

މެމްބަރު ވައްޑެއަށް ފާޑު ކިޔައިގެން ޓީޗަރަކު މަގާމުން ވަކިކުރިއިރު، މެންބަރު ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން ވައްޑެއަށް އަމާޒުވިއެވެ. އަދި އެއީ ކުފުރުގެ އަމަލެއް ކަމަށްވެސް ބައެއް ދީނީ އިލްމުވެރިން ސިފަކުރެއްވިއެވެ.

ވައްޑެއަށް ފާޑު ކިޔައިގެން ވަޒީފާއިން ވަކިކުރި އަޝްރަފަކީ 2016 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި ހިދުމަތް ކުރަމުންދާ މީހެކެވެ. 2016 ވަނަ އަހަރު މާލޭގައި ހިރިޔާގައި ޓީޗަރެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރިއެވެ. އަދި 2017 ވަނަ އަހަރު އޭނާގެ އުފަން ރަށް ހދ. ކުމުންދޫގައިވެސް ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކޮށްފައިވެއެވެ. އޭނާގެ އަންހެނުންގެ ރަށް ކުޑަފަރީއަށް ބަދަލުވެ އެރަށު ސުުކޫލުގައި މަަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރުގެ ދިރާސީ އަހަރާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން