ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖެ ވަޑައިގެންނެވުމުން އަނެއްކާވެސް އަވަހާރަކޮށްލަން ނޫޅޭނެ ކަމަށް ދަންނަވަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދަޅުވީ، އެމަނިކުފާނު އަވަހާރަކޮށްލަން ބޭނުންވާ ބަޔަކު އަދިވެސް އެބަ އުޅޭކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވުމުން އަނެއްކާވެސް އަވަހާރަކޮށްލަން ނޫޅޭނެ ކަމަށް ދަންނަވަން ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ އަތޮޅަށް ނިސްބަތްވާ އޮންލައިން އެފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ކުރާ މަސައްކަތް ހުއްޓައިލިކަން ދެކެވަޑައިގަންނަވަން އުނދަގޫފުޅު ކަމަށެވެ. އަދި މެއި 6 ގެ ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 10 މީހުންނާއި ހިސާބުން މައްސަލަ ނިމޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެކަމަކީ އެއަށްވުރެ ފުޅާކޮށް ހިންގާފައިވާ ކަމެއް ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އިއްޔެ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، ގެ އިތުރުން ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް، އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ޓައިމްޑް ޑިޓޮނޭޝަނެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި ގޮއްވާލަން ބޭނުންކޮށްފައިވަނީ ކުޅޭ ކާރުފަދަ ތަކެތީގައި ބޭނުންކުރާ ކަހަލަ ރިމޯޓެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން