އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެކު ކުރިއަށް ގެންދާ މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މަސައްކަތުމީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ތާރީހުގައި ވެސް އެ މުއައްސަސާއިން ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް އިންޑިއާ އިން 600 އެއްހާ މަސައްކަތު މީހުން ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މިމަސައްކަތް ކުރާ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނީގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ.

މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި، އިމާރާތް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މިމަޝްރޫއަކީ 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަންޖެހޭ ހަރަދު ނިސްބަތުން ކުޑައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން