މާފަންނު ރައްޔިތުންނާ ސިޓީ ކައުންސިލުން ބައްދަލުކުރުން
މާފަންނު ރައްޔިތުންނާ ސިޓީ ކައުންސިލުން ބައްދަލުކުރުން
މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ވިސްނުން ރައްޔިތުންގެ ޚިޔާލަށް، މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭން ހުށަހަޅުއްވަމުން، ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާކުރައްވައި މޭޔަރ ވިދާޅުވީ މިއީ ޚިޔާލެއްކަމަށެވެ. އެހެން ނަމަވެސް މިކަން ފައިސަލާވެގެންދާނީ ރައްޔިތުން އެއާމެދު ދެކޭގޮތެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. މި އިސްލާމީ މަރުކަޒަކީ 4 ބުރިއަށް އިމާރާތްކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީފެންވަރުގެ ތަނެކެވެ. މޭޔަރ ވިދާޅުވީ ބޮޑުގޭ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދެއްކަމަށެވެ. އެހެންކަމުން މިފަދަ ތަނެއް އެސަރަހައްދަށް ބޭނުންވާނެކަން މޭޔަރު ހާމަކުރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެތެރެއިން ޚިޔާލުފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށް ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލަށް ތާއީދުކުރައްވާފައެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުން ރޭ ބޭއްވީ ތާޖުއްދީން ސްކޫލު ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް މާފަންނަށް ހުރި މަޝްރޫޢުތައް މޭޔަރު ހާމަކުރެއްވިއެވެ.

އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލުގެ އިތުރުން ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ޚިޔާލާއި، ކުރީގެ ރެންޓަލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް، ރެސްޓޯރެންޓަކާ އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްޤީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑްން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްޤީކުރުމާއި، މަލްޓި ލޭޔަރ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.

މާފަންނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރ އަދި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ހެންވޭރު ބައްދަލުވުމެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ. މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް އެރޭ 8:30 ގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން