ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ހުސްވެފައިވާ މިނިވަން މުއައްސަސާތަކުގެ މަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކާމެދު ޝަކުވާ ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ޢާއްމުކޮށް އިޢުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އިޢުލާނުކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ 5 ބޭފުޅަކަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި 4 ބޭފުޅަކާމެދު ޝަކުވާއެއް އޮތްނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފޮނުއްވާފައެވެ. އެއީ ޝަހުލާ އިސްމާއިލް، އަޒްލީމާ އަހުމަދު، އަހްމަދު މަންސޫރު، މަރިޔަމް ހަނީފާ ހާލިދު، އަދި މުހައްމަދު އާސިފް އެވެ. އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ، ޝިހާމް މުހައްމަދު ވަހީދު، އަހްމަދު އާހިދު ރަޝީދު، މަރިޔަމް އަލީމް އަދި އަޒްލީމާ އަހްމަދެވެ. އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި އެންމެފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



މަޖިލީހުން ކޮށްފައިވާ އިޢުލާނުގައި ވަނީ މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާމެދު ޝަކުވާއެއް އޮތްނަމަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިމަހުގެ 23 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާތައް ހުށައެޅުއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން