ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން
ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ ޝަރީޢަތަށް ބޭނުންވާ ބައެއް ލިޔުންތައް އަލުން ހުށައެޅުމަށް ދަޢުލަތަށް އެންގުމަށްފަހު މިއަދުގެ ޝަރީޢަތް ނިންމާލައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ އާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވާއިރު، ނިހާނުގެ ވަކީލް ވަނީ ދަޢުލަތުން ދީފައިވާ ބައެއް ލިޔުންތައް ކިޔަން ނޭނގޭ ކަމުގެ ޝަކުވާ ކޮށްފައެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ވަނީ މައްސަލައިގެ ލިޔެކިޔުންތަކުގެ ހާޑުކޮޕީ، ނިހާންގެ ދިފާޢީ ވަކީލަށާއި، ޝަރީއަތަށް ތިން ދުވަހުގެ ތެރޭގައި ހުށައެޅުމަށް އަންގަވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ ކޯޓު ރޫމަށް ހުރިހާ ފަރާތެއް ޙާޟިރުކޮށްގެން ކަމަށް ވިދާޅުވުމަށްފަހު މިއަދުގެ އަޑުއެހުން ޤާޟީ ވަނީ ނިންމަވާލައްވާފައެވެ.

ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. އެގޮތުން ނިހާން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދިފައިވާ ކަމަށާއި އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އެ މައްސަލާގައި ވެއެވެ.

އޭގެ އިތުރުން، ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާތީ، އޭނާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ޕީޖީން ވަނީ އެދިފައެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ ހިމެނެއެވެ.

އަދި 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ހަމައެއާއެކު މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ އާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައިވެއެވެ.

ނިހާނަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރެވެ. ނަމަވެސް ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމް އިން ވަކިވެ، ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން މިހާތަނަށް 4 ފަރާތަކަށް ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ދެބޭފުޅުން ޙުކުމް ތަންފީޒު ކުރަމުން ދަނީ ގޭގައެވެ.

އަދި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްގީކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަަރު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޖަމާކުރުމުން އެ ފައިސާއިން މުޢާމަލާތް ކުރި މައްސަލާގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ޙުކުމް ކުރިއެވެ. ޙާމިދު ވަނީ މިހާރު އެ ޙުކުމް ތަންފީޛު ކޮށް ނިންމާފައެވެ.

މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން