ހިޔާ ފްލެޓްތައް | ރަސް ފޮޓޯ: ޝާހް
ހިޔާ ފްލެޓްތައް | ރަސް ފޮޓޯ: ޝާހް
ހިޔާ މަޝްރޫޢުގެ ފުލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ކޮންމެ ދުވަހަކު 24 ގަޑިއިރު ކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ޢާއްމު ކޮށްފައިވާ އުސޫލުގައި ވަނީ، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ކުރާ ހުރިހާ މީހުން ތިބެން ވާނީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިއިގެން ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް އެޗްޑީސީގެ އުސޫލުގައިވެއެވެ.

ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ މުއްދަތުގައި 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ކަމަށާއި، އަދި މަސައްކަތު ވަގުތުގައިވެސް އުޅެން ޖެހޭނީ ޕީޕީއީ ކިޓު އަޅައިގެން ކަމަށް އެޗްޑީސީގެ އުސޫލުގައި ވެއެވެ. އަދި މަސައްކަތުގައި އުޅޭ ވަގުތު ސަލާމަތީ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން މަސައްކަތުގެ ސަބަބުން އުފެދޭ ކުނި ޖަމާކުރަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ކަމަށާއި އަދި ކުނި ބޭރުކުރާއިރު އާންމު ސަރަހައްދަށް އެޅޭ ކުނި ފުލެޓުގެ ވެރިފަރާތުން ނަގައި ސާފުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެ އެވެ.

އުސޫލުގައިވާ ގޮތުން ފުލެޓުގެ ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ. އަދި ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމުގެ ކުރެހުން އެޗްޑީސީއަށް ހުށަހަޅައި ހުއްދަ ހޯދަން ޖެހެ އެވެ. ހުއްދައާ ނުލައި ގެންނަ ކޮންމެ ބަދަލެއްގެ ޒިންމާ އެ ފުލެޓެއްގެ ވެރިފަރާތުން ނަގަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފުލެޓް ލިބިފައިވަނީ 6720 ފަރާތަކަށެވެ. ފުލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު އެ ކޯޕަރޭޝަނުން ވަނީ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން