ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ލޯނު ނެގުމުގެ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދޭ އިސްލާޙެއް ސަރުކާރުގެ ފަރާތުން ދައުލަތުގެ މާލިއްޔަތު ޤާނޫނަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި މިއިސްލާހުގައި ލޯނު ނެގުމާއި، ލޯނު ދޫކުރުމުގެ ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ހުށައެޅި އިސްލާޙެއް ކަމަށް ބިލު ހުށައަޅުއްވަމުން މެންބަރު ޔަޢުޤޫބު ވިދާޅުވިއެވެ.

މާލިއްޔަތުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުން ލޯނުނެގުމާއި، ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ ބާރު ދިނުން ހިމެނެއެވެ. އަދި ދޫކުރެވޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން އަނބުރާ ނުދައްކާނަމަ، އެ ފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ވަނީ ދީފައެވެ.

މީގެ އިތުރުން ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންކަމަށްވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ކައުންސިލުން ނަގާ ދަރަންޏަށް ގެރެންޓީ ދެވޭނީ ކައުންސިލުން ނަގާ ދަރަންޏަކަށް އެ ދަރަންޏެއް ނަގާ ބޭންކަކުން ނުވަތަ އިދާރާއަކުން ގެރެންޓީއެއް ދިނުމަށް ޝަރުޠުކުރާނަމަ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުން ކަމަށް ބިލުގައިވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން