މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން
މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން
މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިޚާބް އަންނަ އޮކްޓޫބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތު ތަކުގެތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި، ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއްކަމަށްވުމާއި، ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހުގީގްގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާޢީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ 3 އަހަރުވެފައިވުމާއި، އިންތިޚާބްކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި، މުސްތަޤިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

ބްލޮކްވެރިޔާކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު 10:00 ގައެވެ. އަދި އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ދޭއްޖަހަންދެން ފޯމު ބަލައިގަތުމަށް ވަނީހަމަޖެހިފައެވެ.

ފޯމް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ މައި އިދާރާ، އެމް.ޑަބްލިޔޫ.އެސް.ސީ ކަސްޓަމަރަ ސަރވިސް ބިލްޑިންގް ތިންވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިފިލާއިންނެވެ. ބްލޮކް ވެރިން އައްޔަންކުރުމުގެ އިންތިޚާބްގައި ވޯޓް ފޮށިތައް ބަހައްޓާނީ ހުޅުމާލެ، ހެންވޭރު، ގަލޮޅު، މައްޗަންގޮޅި،މާފަންނު އަދި ވިލިމާލޭގައެވެ.

ބްލޮކް ވެރިޔާގެ މަސްއޫލުލިއްޔަތުތަކުގެތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން، އަދިކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތައް، ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުހިމެނެއެވެ.

އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލާއި ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި، ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ޚިޔާލު ހޯދުމުގެ ސަރވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް މޭޔަރ އާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި، މާލޭ ސިޓީގެ ތަރައްޤީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބުލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތްކުރުމާއި، ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކިވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތުގެތެރޭގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން