ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާ ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށާފައިވަނީ ރަށްދެބައިމަގު ބަރުބަރީ ހޮޓަލުގައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސް މުހަންމަދު ނަޝީދުގެ އަރިސް މަޖިލީސް މެމްބަރެއް ކަމަށްވާ އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.



ޕެޓިޝަނުގައި ސޮއިކުރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ވައުދު ވެފައިކަމަށެވެ. އަދި މިއަދު ސޮއި ކުރަން ފެށި ޕެޓިޝަނުގެ ބޭނުމަކީ އެ ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސަށް ދެންނެވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި 15 ވަރަކަށް މީހުން ޕެޓިޝަނުގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ފެކްޝަނަށް ތާއިދުކުރާ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. ބޮންޑެ ވިދާޅުވީ ޕެޓިޝަނުގައި ސޮއި ކުރުމުގެ އިންތިޒާމްތައް ކޮންމެ ރަށެއްގައިވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން