ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް (މ)
ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް (މ)
ކައުންސިލަށް ފަޅުރަށް ދިނުމަށް ހުށައެޅީ މޮހޮނަށް އޮޑިދިން ގޮތަށް ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވެއްޖެއެވެ.

ފަޅު ރަށްރަށް ކުއްޔަށް ދިނުމާއި، ވަރުވާއަށް ލިޔެދިނުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުންވަނީ ހުށައަޅާފައެވެ. ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

އެބިލަށް ބަހުސް ކުރަށްވަމުން އެމްޑީޕީއަށް ނިސްބަތްވާ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، ކައުންސިލަށް ފަޅުރަށް ދިނުމަށް ހުށައެޅީ މޮހޮނަށް އޮޑިދިން ގޮތަށް ކަމަށާއި، ކައުންސިލުގެ ބަހެއް ނެތި ފަޅުރަށް ސަރުކާރުން ބޭނުންވާ ސިނާއީ މަސައްކަތްކުރުމަށް ނެގޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަފީފް ވިދާޅުވީ، މިހާރު ބިލު އޮތް ގޮތުން ފަޅުރަށްތައް ކައުންސިލަށް ބޭނުންކުރެވޭނީ ހަމައެކަނި ވަރުވާއަށް ދިނުމަށް ކަމަށާއި، ކައުންސިލްތައް ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައީ އެ މަޤުޞަދުގައި ނޫން ކަމަށެވެ.

"ރަށެއްގެ އިޚުތިޞާޞުގެ ތެރޭގައި އޮންނަ ފަޅުރަށެއް އެ ކައުންސިލަކަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު އޮންނަންވާނެ." ބިލުގެ ބަޙުސްގައި ޙަސަން އަފީފް ވިދާޅުވިއެވެ.

އަފީފް އިތުރަށް ވިދާޅުވީ، މިހާރު ބިލު އޮތް ގޮތުން ވަރުވާއަށް ނޫން ގޮތަކަށް ކައުންސިލަކަށް އެހެން ފަރާތްތަކަށް ރަށް ދޫކުރެވެން ނެތް ކަމަށެވެ. އަދި ފަޅުރަށްރަށުގައި ކުރެވޭނެ އެންމެ ފައިދާހުރި މަސައްކަތަކީ ކޮބައިތޯ ބަލަން ރަށްރަށުގެ ކައުންސިލުން ބޭނުންވާ ކަމަށް މެންބަރު އަފީފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި ބިލުގައި ވަނީ އިދާރީ ދާއިރާއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކިކޮށް ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރާ ރަށްތައް ދޫކުރާނީ ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށާއި، ސިނާޢީ މަސައްކަތްތަކަށް ދޫކުރާ ރަށްތައް ދޫކުރާނީ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މިނިސްޓްރީން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން