ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވޭނެ ސަބަބެއް މިހާރަކު ނެތް ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަކީ ދާއިރާގެ ރައްޔިތުންގެ ތާއީދުނެތް، ވިޔާނުދާ ވާހަކައެއް ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކްރާމް ވިދާޅުވީ ބޮމުގެ ހަމަލާއަށްފަހު ކުރިއަށް ވުރެ ބޮޑަށް ރައީސް ނަޝީދަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަންޖެހޭނަަމަ އެކަން ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، "ހައެއް މެއި" ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް އިކްރާމް ވިދާޅުވިއިރު، އެ މަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ހަމަލާދިން އެތިފަހަރު، ރާވައި ފަންޑުކުރި ފަރާތްތައް އަދި ހިފިފައި ނުވާކަމަށް ފުލުހުން އިޢުތިރާފުވެފައިވާ ކަމަށެވެ.

"ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާޙައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ވާހަކަ ދެއްކެވުމަކީ، ނަޝީދުގެ ފުރާނަފުޅަށް މިހާރުވެސް އޮތް ނުރައްކާގެ ސީރިއަސްކަމަށް އެއްވެސް ފަރުވާލެއްނެތި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކައެކެވެ. އަދި މެންބަރުގެ ދާއިރާގެ ރައްޔިތުންގެ ތާއީދުނެތް، ވިޔާނުދާ ވާހަކައެކެވެ." ބަޔާނުގައިވެއެވެ.

ރައީސް ނަޝީދަށް ކުރިމަތި ކުރުވި ޙަމަލާއިން އެ މަނިކުފާނުގެ ހިމަގޮހޮރަށް ދާންދެން ފޫއަޅުވާލާފައި ވަނިކޮށް، "އީދުއަސް ހައްދައިގެން،" ހުވަފެން ދައްކައިގެން ރައީސް ނަޝީދު ރާއްޖެ ގެނެވޭތޯ ގަދައެޅުމަކީ، އެ މަނިކުފާނުގެ ހައްޓާއި ލެޔަށް ނުރައްކާވާ ގޮތަށް، އެ ނުރައްކަލަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ވަކީލުންގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ޖަރުމަންވިލާތުން ބޭސް ފަރުވާ ކުރެއްވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން